އާފީގެ ކޯޗުކަމުގައި އޭދަފުށި މިރޭ ފެހެންދޫއާ ދެކޮޅަށް

ކޯޗު އާފީ

ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްވަންދެން ކުޅުނު، އޭދަފުއްޓަށް އުފަން އާފިއު މުހައްމަދު ހާމިދު (އާފީ) ގެ ކޯޗުކަމުގައި ގޯލްޑެން ފުޓްސަލް ޗެލެންޖުގައި އޭދަފުށި ފުޓްސަލް ޓީމު މިރޭ ފެހެންދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

އޭދަފުއްޓާއި ފެހެންދޫގެ އިތުރުން ބ. އަތޮޅުން ގޯލްޑެން ފުޓްސަލްގައި ބައިވެރިވީ ކެންދޫ އާއި ތުޅާދޫ އެވެ.

އޭދަފުށީގެ ކޯޗުކަން މިފަހަރު އާފީއާ ހަވާލުކުރިއިރު އޭނާ އަންނަނީ ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު ކޯޗިންގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޓީސީ ސްޕޯޓްސް ކްލަބާއި ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގައި މަސައްކަތްކޮށްފައިވެ އެވެ. އަދި، ކްލަބް މޯލްޑިވްސް ކަޕްގައި އުރީދޫ އާއި ކްލަބް އިމިގްރޭޝަން އަދި ފެނަކަ ވިމެންސް ޓީމުގެ ކޯޗުކަން އާފީ ކޮށްފައިވެ އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި އޭދަފުށި ވާދަކުރާ މިއީ ހަތަރު ވަނަ ފަހަރެވެ. 2018 ވަނަ އަހަރު ސެމީ ފައިނަލުގައި ބަލިވިއިރު 2019 ވަނަ އަހަރުގެ ފައިނަލުގައި ތ. ތިމަރަފުށި އަތުން ވަނީ ބަލިވެފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަލިވީ ދ. ކުޑަހުވަދޫ އަތުންނެވެ.

މިފަހަރުގެ މުބާރާތަށް ނުކުންނައިރު އޭދަފުށިން ވަނީ ވަރުގަދަ ޓީމެއް އެކުލަވާލާފަ އެވެ. ހާއްސަކޮށް މިދިޔަ އަހަރުގެ މުބާރާތުގައި ނުކުޅެވުނު ގައުމީ ފުޓްސަލް ޓީމުގެ ދެކުޅުންތެރިން ކަމަށްވާ އިޝާން އިބްރާހީމް (ސައްޓު) އާއި ގޯލްކީޕަރު އަބްދުﷲ ނާސިހު މިފަހަރުގެ މުބާރާތުގައި ޓީމުން ފެންނާނެ އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ފުޓްސަލް ޓީމުން ވަނީ ޕްރެކްޓިސް ޖާޒީ އާއި އޮފިޝަލް ޖާޒީ ލޯންޗްކޮށްފަ އެވެ. އޮފިޝަލް ޖާޒީގެ މެއިން ސްޕޮންސަރަކީ އަވަސް ރައިޑް އެވެ. ކޯ ސްޕޮންސަރުންނަކީ މެޑްޓެކް މޯލްޑިވްސް އާއި އެއިޓީ ފޯ އެވެ.

ޕްރެކްޓިސް ޖާޒީގެ ސްޕޮންސަރުންނަކީ އެއިޓީ ފޯ، ހޯރަ ޕެޓްސް، ހޭންގްއައުޓް ގެލާޓޯ އެންޑް ކެފޭ އަދި ފްރެންޑް މީ އެވެ.

އޭދަފުށީ ފުޓްސަލް ޓީމަށް ޖޯޒީ ހަވާލުކުރުން

އޭދަފުށި ފުޓްސަލް ޓީމު ނެރެނީ ޔުނައިޓެޑް ވީ އިންނެވެ. މިދިޔަ ތިން މުބާރާތުގައި ފުޓްސަލް ޓީމު ނެރުނީ ޔުނައިޓެޑް ވީ އިންނެވެ.

ފުޓްސަލް ޓީމުން އެދުނީ މާލެ ސަރަހައްދުގައި ތިބި އޭދަފުށީގެ ސަޕޯޓަރުން މިރޭ ދަނޑަށް ގޮސް ޓީމަށް ތަރުހީބު ދިނުމަށެވެ.

“އަނެއްކާވެސް ބޮޑު އުއްމީދަކާ އެކު މުބާރާތާ މި ކުރިމަތިލީ. ސަޕޯޓަރުންގެ އެހީ ކުޅުންތެރިންނަށް ބޭނުންވާނެ. އެހެންވީމަ އޭދަފުއްޓަށް ސަޕޯޓްކުރާ ހުރިހާ އެންމެން މިރޭ ފުޓްސަލް ދަނޑަށް ދިއުމަކީ ވަރަށް ބޮޑު އެދުމެއް” ފުޓްސަލް ޓީމުގެ އޮފިޝަލް ބުންޏެވެ.

އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ފެހެންދޫ މިއީ ގޯލްޑެން ފުޓްސަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހެންދޫ ޓީމުގައި ވެސް އެރަށުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނެ އެވެ.

އޭދަފުއްޓާއި ފެހެންދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ. މެޗު ކުޅޭނީ މިދިޔަ އަހަރު ވެސް މުބާރާތް ކުޅުނު ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް ދަނޑުގަ އެވެ. މިރޭ ތުޅާދޫ އާއި ކެންދޫ މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.

ބ. އަތޮޅު މެޗު ޝެޑިއުލް

14 ފެބްރުވަރީ

ފެހެންދޫ – އޭދަފުށި (20:00)

ކެންދޫ – ތުޅާދޫ (21:00)

20 ފެބްރުވަރީ

އޭދަފުށި – ކެންދޫ (20:00)

ތުޅާދޫ – ފެހެންދޫ (21:00)

22 ފެބްރުވަރީ

ފެހެންދޫ – ކެންދޫ (23:00)

އޭދަފުށި – ތުޅާދޫ (23:00)

25 ފެބްރުވަރީ 20:00 (ފައިނަލް)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.