ފުރަތަމަ މެޗުގައި ފެހެންދޫ އަތުން އޭދަފުއްޓަށް މޮޅެއް ނުވެވުނު

ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ބ. އަތޮޅު ބުރު ރޭ ފެށިއިރު ފުރަތަމަ މެޗުގައި ފެހެންދޫއާ ދެކޮޅަށް އޭދަފުށި ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

މިއީ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ފެހެންދޫ ވާދަކުރާ ފުރަތަމަ ފަހަރެވެ. އޭދަފުށި ވަނީ މީގެ ކުރިން ތިން މުބާރާތުގައި ވާދަކޮށް 2019 ވަނަ އަހަރުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ. އެކަމަކު ފެހެންދޫ އިން ރޭ ވަނީ އޭދަފުއްޓާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ޕޮއިންޓެއް ހޯދާފަ އެވެ.

މެޗު ކޮންޓްރޯލް ކޮށްގެން ގިނަވަގުތު ކުޅުނީ އޭދަފުށިންނެވެ. މެޗުގައި އޭދަފުށިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި ފެހެންދޫގެ ގޯލްކީޕަރު ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަނެއްކޮޅުން ކައުންޓަ އެޓޭކުގައި ފެހެންދޫ އަށް ގޯލު ޖަހާނެ ހުސް ފުރުސަތުތައް ލިބި ބޭކާރުވި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިހާރު އަރަމުން އަންނަ ފުޓްސަލް ތަރި، ފެހެންދޫގެ އަހުމަދު ބައްސާމް (ބައްކު) އެވެ.

އަތޮޅު ބުރުގައި ރޭ ކުޅުނު އަނެއް މެޗުގައި ތުޅާދޫ އިން ވަނީ 9-4 އިން ކެންދޫ ބަލިކޮށްފަ އެވެ. މެޗުގައި ތުޅާދޫގެ ނުވަ ގޯލުގެ ތެރެއިން އިބްރާހީމް ރަފާހް ވަނީ ހަތަރު ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަނެއް ގޯލުތައް ޖަހައިދިނީ އިފްހާމް ރަޝީދު އާއި އަރުޝަމް އިސްމާއީލް އަދި އަންސަރު އިބްރާހީމް (އަންކޮ) އެވެ. މެޗުގައި އިފްހާމް އަދި އަރުޝަމް ވެސް ދެ ގޯލު ޖެހި އެވެ.

ކެންދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ޝާއިން އާއި ހުސައިން ޝާފީ އަދި މުހައްމަދު އައްލާމް އެވެ. ޝާއިން ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ބ. އަތޮޅުގެ މެޗުތައް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރެ އެވެ. އެރޭ 8 ޖަހާއިރު ފަށާ މެޗުގައި ވާދަކުރާނީ އޭދަފުއްޓާއި ކެންދޫ އެވެ. އޭގެފަހުން އެރޭ 9 ޖަހާއިރު ފެހެންދޫ އާއި ތުޅާދޫ ވާދަކުރާނެ އެވެ.

އަތޮޅު ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރި ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.