
މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގެ ދެވަނަ މެޗުތައް މިރޭ ކުޅޭނެ އެވެ.
ބ. އަތޮޅުން ވާދަކުރާ ހަތަރު ޓީމުގެ ފުރަތަމަ މެޗުތައް ކުޅުނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ފުރަތަމަ މެޗުގައި އޭދަފުށިން ފެހެންދޫއާ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ހަމަ އެރޭ ތުޅާދޫ ވަނީ ކެންދޫއާ ވާދަކޮށް 9-4 އިން މޮޅުވެފަ އެވެ.
މިރޭ ކުޅޭ ފުރަތަމަ މެޗުގައި އޭދަފުއްޓާއި ކެންދޫ ވާދަކުރާ މެޗު ފަށާނީ 8 ޖަހާއިރު އެވެ. ފެހެންދޫ އާއި ތުޅާދޫ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
މުބާރާތުގެ މެޗުތައް ކުޅެނީ ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް ދަނޑުގަ އެވެ.
ބ. އަތޮޅު ބުރުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ކުރި ހޯދާ ދެ ރަށެވެ. ލީގު ބުރުގެ ފަހު މެޗުތައް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. އޭގެފަހުން ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.
މިރޭ އޭދަފުށި އަތުން ބަލިވެއްޖެ ނަމަ ކެންދޫ އަށް ފައިނަލުގެ ފުރުސަތު ގެއްލޭނެ އެވެ. އަނެއްކޮޅުން ތުޅާދޫ އިން ފެހެންދޫ ބަލިކޮށްފި ނަމަ އެޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ އެވެ.
ތުޅާދޫ ވަނީ މީގެ ކުރިން އެއް ފަހަރު އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ. މިއީ ފެހެންދޫ އާއި ކެންދޫ މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އޭދަފުށި ވަނީ މީގެ ކުރިން ތިން ފަހަރު މުބާރާތުގައި ވާދަކޮށް 2019 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ.