
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގައި ރޭ ކެންދޫއާ ވާދަކޮށް އޭދަފުށި 8-0 އިން ކުރި ހޯދިއިރު ފެހެންދޫ އިން ތުޅާދޫ 3-2 އިން ބަލިކޮށްފި އެވެ.
ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ކެންދޫ އަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ. ފުރަތަމަ މެޗުގައި ކެންދޫ ވަނީ ތުޅާދޫއާ ވާދަކޮށް 9-4 އިން ބަލިވެފަ އެވެ. ރޭ އޭދަފުށި އަތުން ބަލިވުމާއެކު ފަހު މެޗުގައި ފެހެންދޫ ބަލިކޮށްގެން ވެސް ކެންދޫ އަށް ގަދަ ދެޓީމުގެ ތެރެއިން ފުރުސަތެއް ނުލިބޭނެ އެވެ.
ފުރަތަމަ މެޗުގައި އޭދަފުށި ވަނީ ފެހެންދޫއާ 0-0 އިން އެއްވަރުވެފަ އެވެ. ރޭ ކެންދޫ ކޮޅަށް އޭދަފުށިން ޖެހި 8 ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހަމްދާން އަބްދުއްސައްތާރު ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭދަފުށީގެ ލަނޑުތައް ދެން ޖަހައިދިނީ މުހައްމަދު އަޖުފާން، އަބްދުﷲ ފާސިރު، އުނައިސް ޒުބައިރު އަދި އިޝާން އިބްރާހީމް (ސައްޓު) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސައްޓު ދެ ގޯލު ޖެހި އެވެ.
ދެވަނަ މެޗުގައި ފެހެންދޫ އާއި ތުޅާދޫގެ މެޗު ފެނީ ވަރަށް ފޯރިގަދަކޮށެވެ. ފެހެންދޫ އިން ލީޑު ނެގީ ހަސަން ސާޖިދު ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތުޅާދޫ އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހީމް (އަންކޮ) އެވެ.

ދެވަނަ ހާފުގައި ފެހެންދޫ ދެވަނަ ފަހަރަށް ލީޑު ނެގި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ބައްސާމް (ބައްކު) އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ތުޅާދޫ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. ފެހެންދޫ މެޗުން މޮޅުވި ގޯލު ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބައްކު އެވެ.
މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބައްކު ވަނީ ރޭގެ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.
ރޭ ފަހު ވަގުތު ފެހެންދޫ އަށް ދިން ޕެނަލްޓީއާ މެދު ހިތްހަމަނުޖެހިގެން ތުޅާދޫ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި، މެޗަށް ފަހު ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގި އެވެ. ހިނގި ހަމަނުޖެހުމުގައި ރެފްރީންގެ ޓީމާ މުހާތަބުކުރި ގޮތުން ތުޅާދޫގެ އަންކޮ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ.
އަތޮޅު ބުރުގެ ފަހު ދެ މެޗު ކުޅޭނީ މާދަމާ ރޭ 11 ޖަހާއިރު އެވެ. ފަހު މެޗުގައި ފެހެންދޫ އިން ކެންދޫއާ ދެކޮޅަށް ނުކުންނައިރު އޭދަފުށި ވާދަކުރާނީ ތުޅާދޫއާ އެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ފެހެންދޫ އާއި އޭދަފުއްޓަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ. ތުޅާދޫ އަށް ފައިނަލުން ފުރުސަތު ލިބޭނެ ހަމައެކަނި ގޮތަކީ އޭދަފުށި އަތުން މޮޅުވެ، ނުވަތަ ކެންދޫ އިން ފެހެންދޫ ބަލިކޮށްގެންނެވެ.
އަތޮޅު ބުރުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.