
މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގެ ފަހު މެޗުތައް މިރޭ ކުޅޭނެ އެވެ.
މިރޭ ކުޅޭ މެޗުތަކަށް ފަހު އަތޮޅު ފައިނަލުން ޖާގަ ހޯދާ ދެ ޓީމު ކަށަވަރުވާނެ އެވެ. މިފަހަރުގެ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީ އޭދަފުށި، ފެހެންދޫ، ތުޅާދޫ އަދި ކެންދޫ އެވެ. ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެ ކެންދޫ ވަނީ ކަޓައިފަ އެވެ.
މިވަގުތު އެއްވަނައިގައި އޮތް އޭދަފުއްޓާއި ދެވަނައިގައި އޮތް ފެހެންދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އޭދަފުށި އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ތުޅާދޫ އެވެ. ފުލުގައި އޮތް ކެންދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.
މިރޭ އޭދަފުށި ނުކުންނާނީ ތުޅާދޫއާ ދެކޮޅަށެވެ. ފެހެންދޫ ކުޅޭނީ ކެންދޫއާ އެވެ. މިހާރު ނުކުމެފައިވާ ނަތީޖާތަކަށް ބަލާއިރު އަތޮޅު ފައިނަލުގެ ޖާގައެއް ފެހެންދޫ ހޯދާނެކަމަށް ބެލެވެ އެވެ. ކެންދޫ ކިތަންމެ ކުޑަ ތަފާތަކުން ވެސް ބަލިކޮށްގެން ފެހެންދޫ އަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ.
ތުޅާދޫއާ އެއްވަރުކޮށްލައިގެން އޭދަފުއްޓަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ތުޅާދޫ އަށް ފައިނަލުގެ ޖާގައެއް ލިބޭނީ އޭދަފުށި ބަލިކޮށްގެންނެވެ. މިރޭގެ މެޗަށް ނުކުންނައިރު ތުޅާދޫގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، އަންސަރު އިބްރާހީމް (އަންކޮ) ހުރީ ސަސްޕެންޝަނުގަ އެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް ދަނޑުގައި މިރޭގެ މެޗުތައް ފަށާނީ 11 ޖަހާއިރު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.
އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމު ކުޅޭނީ ޒޯން ބުރުގަ އެވެ. ޒޯންގައި ހިމެނެނީ ނ. ރ އަދި ބ އެވެ. ނ އަތޮޅުން ޓީމެއް ބައިވެރިނުވާތީ މިފަހަރު ޒޯންގައި ވާދަކުރާނީ ރ އަދި ދ އަތޮޅުގެ ޗެމްޕިއަން އެވެ.