
ބ. ތުޅާދޫގައި އަލަށް ހިއްކި ސަރަހައްދުގައި އޮންނަ ބޮޑު މަގަށް ޝަހީދު ހުސައިން މުހައްމަދުގެ ނަމުން ނަންދީފި އެވެ.
ކޯޕްރަލް ޝަހީދު ހުސައިން މުހައްމަދަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ޝަހީދުވި ތުޅާދުއަށް އުފަން ބަޠަލެކެވެ.
ތުޅާދޫ ހިއްކި ސަރަހައްދުގައި އޮންނަ އެންމެ ބޮޑު މަގަށް ޝަހީދު ހުސައިން މުހައްމަދުގެ ނަމުން ނަން ދިނުމަށް ތުޅާދޫ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 4 ވަނަ ދައުރުގެ 116 ވަނަ ޖަލްސާގައެވެ. އަދި މިކަން ރަސްމީކޮށް އިއުލާންކުރީ މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެރަށު ކައުންސިލުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތުޅާދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު އަލި މަނިކު ވިދާޅުވީ މިކަން ކުރުމަށް ކައުންސިލުން ނިންމީ އެ ބަތަލުގެ ހަނދާން ތުޅާދޫން ފިލައި ނުދިއުމަށާއި ތާއަބަދަށް އެބަތަލުގެ ހަނދާން އާކުރުމުގެ ބޭނުމުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ތުޅާދޫގައި ފުލުހުންގެ މަރުކަޒެއް އަޅާނަމަ އެ މަރުކަޒަކަށް ވެސް “ޝަޙީދު ހުސެއިން މުހައްމަދު”ގެ ނަން ކިޔުމަކީ ކައުންސިލުގެ އެދުމެއް ކަމަށެވެ.