
މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ފައިނަލުގައި އޭދަފުއްޓާއި ފެހެންދޫ ވާދަކުރާ މެޗު މިރޭ ކުޅޭނެ އެވެ.
202 ޓީމު ވާދަކުރާ ގޯލްޑެން ފުޓްސަލް މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީ ހަތަރު ޓީމެވެ. އޭދަފުއްޓާއި ފެހެންދޫގެ އިތުރުން ދެން ބައިވެރިވީ ކެންދޫ އަދި ތުޅާދޫ އެވެ.
ލީގު ބުރުގެ މެޗުތައް ނިމުނުއިރު ހަތް ޕޮއިންޓާ އެކު އެއްވަނަ ހޯދީ އޭދަފުއްޓެވެ. ފެހެންދޫ އަށް ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. ތުޅާދޫ އަށް ތިން ޕޮއިންޓް ލިބުނުއިރު ފުލަށްދިޔަ ކެންދޫ އަށް ލިބުނީ އެއް ޕޮއިންޓެވެ.
ފުރަތަމަ މެޗުގައި އޭދަފުއްޓާއި ފެހެންދޫ ވާދަކޮށް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އޭދަފުށި ވަނީ ދެވަނަ މެޗުގައި 0-8 އިން ކެންދޫ ބަލިކޮށް ފަހު މެޗުގައި ތުޅާދޫ އަތުން 0-1 އިން މޮޅުވެފަ އެވެ. ފެހެންދޫ އިން ތުޅާދޫއާ ވާދަކޮށް 2-1 އިން މޮޅުވިއިރު ކެންދޫއާ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ބ. އަތޮޅުގެ ޗެމްޕިއަންކަން އެންމެ ފަހުން ކުޅުނު ތިން މުބާރާތުގައި ވެސް ހޯދީ އޭދަފުއްޓެވެ. ފުރަތަމަ އަހަރު ސެމީ ފައިނަލުގައި އޭދަފުށި ވާދަކުރިއިރު ދެވަނަ އަހަރު ބަލިވީ ފައިނަލުގަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އޭދަފުށި ކެޓީ ކުއާޓާ ފައިނަލުންނެވެ.
މިއީ ފެހެންދޫ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މީގެކުރިން އަތޮޅު ޗެމްޕިއަންކަން ހޮވަނީ ލީގު ބުރުން އެއްވަނަ ހޯދާ ޓީމަށް ބަލައިގެންނެވެ. އެކަމަކު މިއަހަރުން ފެށިގެން އަތޮޅު ޗެމްޕިއަންކަން ކަނޑައަޅާނީ އެންމެ ކުރި ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލުންނެވެ.
އޭދަފުއްޓާއި ފެހެންދޫ ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ 8:00 ގަ އެވެ. މެޗު ކުޅޭނީ ހުޅުމާލެ ރެހެންޑި ޓާފް ފުޓްސަލް ދަނޑުގަ އެވެ.