
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ފައިނަލުގައި ރޭ ފަހަތުން އަރައި 2-1 އިން ފެހެންދޫ ބަލިކޮށް އޭދަފުށިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން އޭދަފުށިން ޖެހިޖެހިގެން ހޯދި ހަތަރު ވަނަ ފަހަރެވެ. މުބާރާތުގައި ބައިވެރިވި ހަތަރު އަހަރު ވެސް އޭދަފުށިން ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ 2018، 2019، 2022 އަދި މިއަހަރު އެވެ.
ރޭގެ މެޗު އޭދަފުށިން ފެށީ އިޝާން އިބްރާހީމް (ސައްޓު) ނުލަ އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހުކޮޅު އަރައި ސައްޓު މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އޭދަފުށިން ކުޅުނު ނަމަވެސް ފެހެންދޫ އިން ދިޔައީ ވަރަށް ރަނގަޅަށް ޑިފެންސް ކުރަމުންނެވެ. މެޗުގެ ލީޑު ފުރަތަމަ ނެގީ ފެހެންދޫ އިންނެވެ. ކައުންޓަ އެޓޭކެއްގައި ލިބުނު ބޯޅަ އަހުމަދު ބައްސާމް (ބައްކު) ހޯދުމަށް ފަހު ހުސްކޮށްލާފައި ދިނީ މުހައްމަދު ރީހާން އަށެވެ. ރީހާން ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލަށް ވައްދާލާފަ އެވެ.
ފެހެންދޫ އިން ލީޑު ނެގިއިރު މެޗުގައި ބާކީ އޮތީ ހަ ވަރަކަށް މިނެޓެވެ. އެ ވަގުތުގައި އޭދަފުށިން ވަނީ މޮޅަށް ކުޅޭ ނަތީޖާ އަނބުރާލާފަ އެވެ. އޭދަފުށީގެ ފުރަތަމަ ލަނޑު ޖެހީ ސައްޓު އެވެ. ބައްކު ކައިރިން ނައްޓާލުމަށް ފަހު ސައްޓު ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ އިރުކޮޅެއް ފަހުން ސައްޓުގެ އެހީގައި އޭދަފުށި މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅުވި ގޯލު ޖެހި ސޮބީ އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ތުޅާދޫގެ އިބްރާހީމް ރަފާހް އަށެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ފެހެންދޫގެ ބައްކު އަށެވެ.
އަތޮޅު ޗެމްޕިއަންކަން ލިބުމުން އޭދަފުށި ދެން ވާދަކުރާނީ ޒޯން ބުރުގަ އެވެ. އޭދަފުށި ހިމެނޭ ޒޯން ދޭއްގައި ހިމެނެނީ ނ. އަތޮޅާއި ރ. އަތޮޅެވެ. ނ. އަތޮޅުން ޓީމެއް ބައިވެރިނުވާތީ އޭދަފުށި ޒޯންގައި ވާދަކުރާނީ ރ. އަތޮޅު ޗެމްޕިއަންކަން ހޯދި އިނގުރައިދޫއާ އެވެ. އިނގުރައިދޫ އަތޮޅު ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ދުވާފަރު ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.
ޒޯން ބުރަށް ހޮވުނު އޭދަފުއްޓާއި އިނގުރައިދޫ ޒޯން ޗެމްޕިއަންކަން ކަނޑައަޅަން ދެ މެޗު ކުޅޭނެ އެވެ. މި ދެޓީމު ވެސް މިހާރު ވަނީ ގަދަ 16 އަށް ކޮލިފައިވެފަ އެވެ. އެއީ ކޮންމެ ޒޯނަކުން ދެ ޓީމު ގަދަ 16 އަށް ހޮވޭއިރު ނ. އަތޮޅުން ޓީމެއް ބައިވެރިނުވާތީ އެވެ.