
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ ދެވަނަ ލެގްގައި އޭދަފުށި މިރޭ އިނގުރައިދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޒޯން ބުރުގެ ފުރަތަމަ މެޗުގައި މި ދެޓީމު ވާދަކުރި މެޗު އިނގުރައިދޫ އިން ކާމިޔާބުކުރީ 3-1 އިންނެވެ. މިރޭ ކުޅޭ ދެވަނަ ލެގްގެ މެޗު އެއްވަރުކޮށްލައިގެން ނުވަތަ އެއް ގޯލުގެ ތަފާތުން ބަލިވެގެން ވެސް އިނގުރައިދޫ އަށް ޒޯން ޗެމްޕިއަންކަން ލިބޭނެ އެވެ.
އޭދަފުއްޓަށް ޒޯން ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮންނާނީ ދެ ގޯލު ނުވަތަ އެއަށް ވުރެ ބޮޑު ތަފާތަކުން އިނގުރައިދޫ ބަލިކޮށްގެންނެވެ. ޒޯންގެ ފުރަތަމަ މެޗުން ބަލިވިއިރު އޭދަފުށީ ޓީމުގެ މުހިއްމު ކުޅުންތެރިން ނުކުޅެ އެވެ.
މި މުބާރާތުގެ ޒޯން ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ ދުވާފަރު އެވެ. އެކަމަކު މިއަހަރުގެ މުބާރާތުގެ އަތޮޅު ބުރުގައި އިނގުރައިދޫ އަތުން ބަލިވެ ދުވާފަރު ވަނީ މުބާރާތުން ކަޓާފަ އެވެ.
އޭދަފުށި ޒޯން ބުރަށް ހޮވުނީ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ފައިނަލުގައި ފެހެންދޫއާ ވާދަކޮށް ފަހަތުން އަރައި އޭދަފުށި މޮޅުވީ 1-2 އިންނެވެ. އަތޮޅު ބުރުގައި މި ދެޓީމުގެ އިތުރުން ކެންދޫ އާއި ތުޅާދޫ ވާދަކުރި އެވެ.
އިނގުރައިދޫ ޒޯން ބުރަށް ހޮވުނީ އަތޮޅު ފައިނަލުގައި ދުވާފަރު ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.
ޒޯން ދޭއްގައި ބ. އަތޮޅާއި ރ. އަތޮޅުގެ އިތުރުން ހިމެނެނީ ނ. އަތޮޅެވެ. އެކަމަކު ނ. އަތޮޅުން މިއަހަރު ޓީމެއް ވާދަކޮށްފައެއްނުވެ އެވެ. އެހެންވެ ޒޯން ބުރަށް ހޮވުނުއިރު ވެސް އޭދަފުއްޓާއި އިނގުރައިދޫ ވަނީ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފަ އެވެ.
ގަދަ 16 ގެ މެޗުގައި އޭދަފުއްޓާއި އިނގުރައިދޫ ނުކުންނާނީ ޒޯން ހަތެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމާ ދެކޮޅަށެވެ. ޒޯން ހަތެއްގައި ވާދަކުރަނީ ސ. ފޭދޫ އާދި ފުވައްމުލައް ސިޓީގެ ދަނޑިމަގު އެވެ. މި ދެޓީމުގެ ފުރަތަމަ ލެގް ކާމިޔާބުކުރީ ދަނޑިމަގު އެވެ. ޒޯން ހަތެއްގެ ދެވަނަ ލެގްގެ މެޗު ވެސް މިރޭ ކުޅޭނެ އެވެ.
އިނގުރައިދޫ އާއި އޭދަފުށި ވާދަކުރާ މެޗު ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފްގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ.