
ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ދެވަނަ ބުރުގައި އޭދަފުށި ފުޓްސަލް ޓީމު މިރޭ ފުވައްމުލަކު ދަނޑިމަގާ ދެކޮޅަށް ނުކުންނާނެ އެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭނީ ގަ 16 ގެ 8 މެޗެވެ.
އޭދަފުށި ގަދަ 16 އަށް ދަތުރުކުރީ އަތޮޅު ޗެމްޕިއަންކަން ހޯދުމަށް ފަހު ޒޯން ބުރުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފެހެންދޫ ބަލިކޮށްގެންނެވެ. ޒޯން ދޭއްގެ ދެ ލެގުގައި ރ. އިނގުރައިދޫއާ ވާދަކޮށް 5-1 ގެ އެގްރިގޭޓުން ވަނީ ބަލިވެފަ އެވެ. ޒޯން ބުރަށް ހޮވުނުއިރު ވެސް އޭދަފުށި އޮތީ ގަދަ 16 އަށް ހޮވިފަ އެވެ. އެހެންވެ އިނގުރައިދޫއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި މުހިއްމު ބައެއް ކުޅުންތެރިން ނުކުޅެ އެވެ.
ފުވައްމުލަކުން އިތުރު ޓީމެއް ބައިވެރިނުވާތީ ދަނޑިމަގު ޓީމު މުބާރާތުގައި ވާދަކުރަން ފެށީ ޒޯން ބުރުން ފެށިގެންނެވެ. ޒޯން ބުރުގެ ދެ ލެގުގައި އެޓީމު ވަނީ ސ. ފޭދޫ 7-4 ގެ އެގްރިގޭޓުން ބަލިކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ. ދަނޑިމަގު ޓީމަކީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ޓީމެކެވެ.
އޭދަފުށީގެ ފުޓްސަލް ޓީމުން އެދެނީ މިރޭގެ މެޗަށް ނުކުންނައިރު ރައްޔިތުންގެ ސަޕޯޓަށެވެ.
“މިހިސާބުން ކުރިއަށްދާން ބަލާއިރު ސަޕޯޓަރުންގެ އެހީ ޓީމަށް ވަރަށް ބޭނުންވޭ. މިރޭ އޭދަފުށީގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ސަޕޯޓްކޮށްދީ” ޓީމުގެ ސަޕޯޓަރުން ދަނޑަށް އައުމަށް ދައުވަތު ދެމުން އޭދަފުށި ފުޓްސަލް ޓީމުން ބުންޏެވެ.
އޭދަފުށި މެޗުގެ އިތުރުން ގަދަ 16 ގައި ވާދަވެރި ހަތް މެޗު މިރޭ ކުޅޭނެ އެވެ. އޭގެތެރޭގައި މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ތިމަރަފުއްޓާއި ގާފަރުގެ ކުރިމަތިލުން ފާހަގަކުރެވެ އެވެ.
ގަދަ 16 ގެ މެޗުތައް ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ. އޭދަފުށި މެޗު ފަށާނީ މިރޭ 11 ޖަހާއިރު އެވެ.