
ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގެ މެޗުގައި ރޭ ފުވައްމުލަކު ދަނޑިމަގު 0-2 އިން ބަލިކޮށް އޭދަފުށި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
އޭދަފުށި ކުއާޓާ ފައިނަލުގައި ވާދަކުރާނީ ދ. ކުޑަހުވަދޫއާ އެވެ. ކުޑަހުވަދޫ ވަނީ ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި 1-2 އިން ށ. ކަނޑިތީމު ބަލިކޮށްފަ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ވެސް އޭދަފުށި ވަނީ ކުއާޓާ ފައިނަލުގައި ކުޑަހުވަދޫއާ ވާދަކޮށްފަ އެވެ. އެ މެޗުން އޭދަފުށި ބަލިވެ މުބާރާތުން ކެޓީ ނަތީޖާ އެއްވަރުވެ، ޕެނަލްޓީ ޖަހައިގެންނެވެ.
އޭދަފުއްޓާ ދެކޮޅަށް ރޭ ނުކުތް ފުވައްމުލަކު ޓީމަކީ ޒޯން ހަތެއްގެ ޗެމްޕިއަނުންނެވެ. އެޓީމުން ވަނީ މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ރޭ އެޓީމު ކޮޅަށް ކޮންމެ ހާފެއްގައި އޭދަފުށިން ގޯލެއް ޖެހި އެވެ. ފުރަތަމަ ގޯލު އިޝާން އިބްރާހީމް (ސައްޓު) ޖެހިއިރު ދެވަނަ ގޯލަކީ ފުވައްމުލަކު ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގައި އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހު ވަނީ ފުވައްމުލަކުގެ ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. ނާސިހު އަކީ އޭދަފުށި މުބާރާތުގައި ކުރިއަށްދާއިރު އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ.
އޭދަފުއްޓާއި ކުޑަހުވަދޫގެ އިތުރުން ރޭ ކުއާޓާ ފައިނަލުން ޖާގަ ހޯދީ، ރ. އިނގުރައިދޫ، ހދ. ނައިވާދޫ، ލ. ގަން، ތ. ތިމަރަފުށި، މާފަންނު އަދި ގދ ވާދޫ އެވެ.
ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.