އުރީދޫއިން ވިޔަފާރިތަކަށް މައިކްރޮސޮފްޓްގެ އީޖާދީ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދެނީ

ރާއްޖޭގެ ވިޔަފާރިތަކަށް އީޖާދީ ޑިޖިޓަލް ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން މައިކްރޮސޮފްޓާއެކު ޕާޓްނަޝިޕްއެއް ގާއިމްކޮށްފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޕާޓްނަޝިޕް ގާއިމް ކޮށްފައި ވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އަދި މި ޕާޓްނަޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ގެ ޚިދުމަތާއެކު ބަންޑަލްކޮށްގެން ނުވަތަ ވަކިންވެސް މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއާ ސޮލިއުޝަންތަކުގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މައިކްރޮސޮފްޓާއެކު ސޮއިކުރި ޕާޓްނާޝިޕް އާއެކު ވިޔަފާރިތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެންމެ ފަހުގެ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތައް އެންމެ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބާރުވެރިކުރުވުން. މި ޕާޓްނާޝިޕަކީ މި އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،” ހާލިދު ވިދާޅުވި އެވެ.

އުރީދޫން ބުނީ މައިކްރޮސޮފްޓް އާއެކު ހެދި ޕާޓްނާޝިޕްގެ ދަށުން އޮފީސް365، މައިކްރޮސޮފްޓް ޓީމްސް، މައިކްރޮސޮފްޓް ޓީމްސް ވޮއިސް، މައިކްރޮސޮފްޓް ޓީމްސް ރޫމްސް، މައިކްރޮސޮފްޓް ޕަވާ އެޕްސް، މޮބައިލް ޑިވައިސް މެނޭޖްމަންޓް އަދި ޝެއާޕޮއިންޓް ފަދަ ވަސީލަތްތަކުން ވިޔަފާރީގެ މަސައްކަތްތަކުގެ މަރުހަލާތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މަސައްކަތުގެ ވައްޓަފާޅި ޒަމާނާ އެއްގޮތައް ބަދަލުކުރުމުގެ ސަބަބުން ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ދަތުރު ހަލުވިވެ ދެމެހެއްޓެނިވި ވިޔާފާރިއެއް ގާއިމް ކުރެވި، ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލްއުތުމާން ފަޚްރޫ ވިދާޅުވީ ޓެކް އިންޑަސްޓްރީ ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު އީޖާދީ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ހައްލުތަކަށް އޮތް ޑިމާންޑް އަންނަނީ އިތުރުވަމުން ކަމަށެވެ.

“އުރީދޫގެ ޒަމާންވީ ޕާޓްނަރެއް ކަމަށްވާ މައިކްރޮސޮފްޓް ގެ ކްލައުޑް ބޭސްޑް ސޮލިއުޝަންތަކާއި ހިދުމަތްތަކާއެކު މާކެޓް ވިޔަފާރިތަކާއި އަޅުގަނޑުމެންގެ ކަސްޓަމަރުންގެ މި ބޭނުންތަކަށް ހައްލުހޯދައިދިނުމުގެ ފުރުސަތު ފަހިވެގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،” އޭނާ ވިދާޅުވި އެވެ.

މައިކްރޮސޮފްޓްގެ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ކޮމިއުނިކޭޝަންސް ޕާޓްނާސް، ބިން ޝެން ވިދާޅުވީ އުރީދޫ ގްރޫޕަކީ މި ސަރަޙައްދުގައި އެ ކުންފުނީގެ ޒަމާންވީ އަގުހުރި ބައިވެރިއެއް ކަމަށެވެ.

“ޑިޖިޓަލް ހިދުމަތްތައް ތަރައްޤީވަމުން އަންނައިރު، ދުނިޔޭގެ އެކި ސަރަޙައްދުތަކާއި ސިނާއަތްތަކާއި ޖަމްޢިއްޔާޖަމާޢަތްތަކާއި ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ޙިދުމަތްތަކާއެކު އައު ފުރުސަތުތައް ފަހި ކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން މި ޕާޓްނާޝިޕް ފުޅާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނިގޮތުގައި މައިކްރޮސޮފްޓާއެކު ހެދި މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ އަކީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އިތުރުން ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ވަން-ސްޓޮޕް- ޝޮޕެއްގެ ގޮތުގައި ހަރުދަނާވެ، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ އެވެ. އަދި މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ގްރޫޕްގެ ހުރިހާ ކުންފުނިތަކަކުން ވެސް މައިކްރޮސޮފްޓްގެ ހިދުމަތްތައް ވިޔަފާރިތަކަށް މި އަހަރުން ފެށިގެން ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.