
ޔޫތު މިނިސްޓްރީޯ އިން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ބ. އޭދަފުށީގެ ހަމްޒާ މުހައްމަދު (ހަމްޕު) ދިފާއު ކޮށްފި އެވެ.
މިއީ ހަމްޕު މި އެވޯޑް ހޯދި ދެވަނަ ފަހަރެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވި ގާލާ ނައިޓް ގައި ކުރީގެ އިނގިރޭސި ގައުމީ ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި އާސެނަލް އަށް ކުޅުނު ންވަކްވޯ ކާނޫ އަދި އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން ފަބިއޯ ކަނަވާރޯގެ ހާޒިރުގައި ހަމްޕު އަށް އެވޯޑް ހަވާލް ކޮށްދިނީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ހަމްޕު އާ އެކު ވާދަކުރީ އޭނާ އާއެކު މާޒިޔާ ސްޕޯޓްސް އަށް ކުޅޭ މިޑްފީލްޑައު އައިސަމް އިބްރާހިމް އާއި އީގަލްސް ދޫކޮށް މި އަހަރު މާޒިޔާ އަށް ބަދަލުވި ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
ހަމްޕު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ކުޅެން ފެށީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. ނިއު ދޫކޮށް ހަމްޕު މާޒިޔާ އަށް ބަދަލުވީ 2019 ވަނަ އަހަރެވެ. ގައުމީ ޓީމުގައި ވެސް މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ހަމްޕު ވަނީ މިދިޔަ އަހަރު މާޒިޔާ އަށް ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމަށް ހަމްޕު ކުޅެދިން މެޗުތަކުން އޭނާ ވަނީ ސްރީ ލަންކާ އާއި ބުރުނާއީ އާ ދެކޮޅަށް ގޯލު ޖަހައިފަ އެވެ.