
ތައިލެންޑްގެ މައިނާ ހޮޓެލްސް އާއި ސީޕްރިއާ ގްރޫޕް ގުޅިގެން ބ. ފަރެހުގައި ހެދި އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް އަންނަ ހޮނިހިރު ދުވަހު ހުޅުވަން ނިންމައިފި އެވެ.
ފަސް ތަރީގެ މި ރިސޯޓް ތަރައްގީ ކުރުމަށް 70 މިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ.
176 ކޮޓަރީގެ މި ރިސޯޓުގައި ސްޓޫޑިއޯ، ބީޗް ވިލާ އަދި އޯވާ ވޯޓާ ވިލާތައް ހުންނާނެ އެވެ.
އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއިން ބުނީ މި ރިސޯޓުގައި ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާއެއްގެ އިތުރުން ސައިޒުގެ ގޮތުން ބޮޑު ސްވިމިން ޕޫލެއް އޮންނާނެ ކަމަށެވެ.
ފަރެސްގައި ރިސޯޓު ތަރައްގީ ކުރަން ހަވާލު ކުރީ 2017 ވަނަ އަހަރެވެ.

ފަރެހުގައި އެންމެ ފުރަތަމަ ރިސޯޓު ހުޅުވަން މަސައްކަތް ކުރީ 2019 ވަނަ އަހަރެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރިސޯޓުގެ މަސައްކަތްތައް މަޑުޖެހުނީ އެވެ.
އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއަކީ ރާއްޖޭގައި މިހާރު ވެސް ރިސޯޓްތައް ހިންގަމުން އަންނަ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ވެސް މައި ކުންފުނި ކަމަށްވާ މައިނާ ހޮޓެލްސްގެ ބްރޭންޑެކެވެ. އެކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގައި އަނަންތާރާ ބްރޭންޑުގެ ތިން ރިސޯޓެއް ހިންގަމުންނެވެ.

މިއީ ބ. އަތޮޅުގައި ތިން އަހަރު ފަހުން ހުޅުވާ ފުރަތަމަ ރިސޯޓެވެ. މި އަތޮޅުގައި މިހާރު ވެސް ދުނިޔޭގެ ލަގްޒަރީ ބްރޭންޑްތަކުގެ ރިސޯޓުތައް ހިންގަ އެވެ.