
ބ. ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ، އަލްފާޟިލާ ޒީނިޔާ ހަމީދެވެ.
1020 މީހުންގެ އާބާދީގެ ބ. ހިތާދޫއަކީ ހީވާގި ބަޔަކު ދިރިއުޅެމުން އަންނަ ރަށެކެވެ. އެގޮތުން ރަށުގައި މަސްވެރިކަން ކުރާ 4 އޮޑިފަހަރު އޮންނައިރު، ރަނގަޅު ފެންވަރަކަށް ކޮންސްޓަރަކްޝަން މަސައްކަތްކުރާ 2 ފަރާތަކާއި ވަޑާމުގެ އެކި މަސައްކަތްކުރާ ފަރާތްތައް އުޅެއެވެ. ހަމައެހެންމެ ރަށަށް ފަތުރުވެރިކަން ތަޢާރަފުވެ، ރަޖިސްޓަރކޮށްގެން ހިންގާ 2 ގެސްޓް ހައުސްއެއް އެ ރަށުގައި މިހާރުވެސް އެބަހުއްޓެވެ. މީގެ އިތުރުން، މި ރަށުގެ އަންހެންވެރިންވެސް ފަންގި ވިނެގެން ވަރަށް ރަނގަޅު އާމްދަނީއެއް އަންނަނީ ހޯދަމުންނެވެ.
ނަމަވެސް، ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ހިތާދޫއަކީ ވެސް ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށަކަށްވުމެވެ. އެގޮތުން އެ ރަށުގެ އުތުރާއި، ދެކުނާއި އަދި އިރުމަތިފަރާތަށް ބަލައިލިޔަސް ފެންނަނީ ރަށްގިރުމުގެ ހިތާމަވެރި މަންޒަރެވެ. އެ ރަށުގެ ދެކުނު ފަރާތުގެ ގޮނޑު ދޮށުން ބޮޑު ސަރަހައްދެއް ގިރާފައިވާއިރު، މީހުން ދިރިއުޅޭ ގެވަޅުތަކާއި ހަމައަށް ވަނީ މިކަމުގެ ނުރައްކާ ފޯރާފައެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ހަލާކުވެގެން ގޮސްފައެވެ.
އެހެންކަމުން މިއަދު ސޮއިކުރެވިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން، މުސްތަޤުބަލުގައި މި ރަށު ރައްޔިތުންނަށް ދިމާވެފައިމިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.
“މިއީ ހަމަގައިމުވެސް ހިތާދޫ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއް ގޮތުގައި މި ކުންފުނިން ދެކެމެވެ. މި މަޝްރޫޢުގެ ދަށުން، 7800 ކިއުބިކް މީޓަރުގެ ސަރަޙައްދަ ކަށް ވެލިއަޅައިގެން ގޮނޑުދޮށް ހެދުމާއި، 610 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު 180 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވާ ވަނީ 96.16 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.