
އަތޮޅުތެރޭގެ އެންމެ ބާރު ބޮޑު ޑޮމެސްޓިކް އެއާޕޯޓާ ކަމަށްވާ ދަރަވަންދޫ އެއާޕޯޓް އޮތީ ވަރަށް ވަރަށް ދަށު ދަރަޖާގައި ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.
މިހާދު މިހެން ވިދާޅުވީ، އިއްޔެ އެސްއޯއީ ކޮމެޓީގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މެމްބަރު ނިހާދު ވިދާޅުވީ ދަރަވަންދޫ އެއާޕޯޓް ޓާމިނަލްގެ ފަންކާ ނުއެނބުރޭ ކަމަށާއި، ވަރަށް ހޫނު ގަދަ ކަމަށެވެ. އަދި ފާޚާނާވެސް ބޭނުން ނުކުރެވޭ ކަމަށާއި ލަގެޖް އުފުލަން ޖެހެނީ ވެސް ވަރަށް ހާލުން ކަމަށެވެ.
އެފަދަ ހާލަތަށް އެއާޕޯޓު ދިއުމުން އެކަން ހައްލު ކުރުމަށް އައިލެންޑް އޭވިއޭޝަނުން ކުރަމުންދަނީ ކޮން މަސައްކަތެއްތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.
އެސުވާލަށް ޖަވާބުދެއްވަމުން މިހާދު ވިދާޅުވީ، އެއާޕޯޓުގެ ހާލަތު ދަށްކަމަށް ގަބޫލުކުރައްވާކަމަށާއި އެ މައްސަލަ ހައްލުކުރުމަށް އެއާޕޯޓު ހަވާލުކޮށްފައިވާ ކުންފުންޏާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ.
މިހާދު ވިދާޅުވި ގޮތުގައި ދަރަވަންދޫގެ އެއާޕޯޓު ތަރައްގީކުރުމަކީ މިހާރު ހިންގުމަށް ހަވާލުވެފައިވާ ކުންފުނީގެ ޒިންމާއެއް ކަމަށާއި، ކުންފުނީގެ އޯނަރުންނާއެކު ދާދިފަހުންވެސް ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީ ވެސް ބައިވެރިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
2012 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ ދަރަވަންދޫ އެއާޕޯޓް އޮންނަނީ ފަތުރުވެރިކަން އެންމެ ކުރި އަރާފައިވާ ސަރަހައްދުގައި ކަމަށް ވުމުން މި އެއާޕޯޓަށް ބޮޑު ޑިމާންޑެއް އޮވެއެވެ.