
ވިޔަފާރީގެ ގޮތުގައި ފޯރުކޮށްދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮންމެ ކޮތަޅަކުން ރޭ 12 އިން ފެށިގެން 2ރ. ނަގަން ފަށައިފި އެވެ.
މިއީ މިދިޔަ އަހަރު ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި “ކުނި މެނޭޖްކުރުގެ ޤާނޫނު” ގައި ވާގޮތަށް ގޮތުގެ މަތިންނެވެ.
ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ފިހާރަތަކުން ވިޔަފާރިކުރުމުން ދޭ ކޮތަޅަށް ވެސް މި ފީ ނަގާނެ އެވެ.
ފިހާރަތަކުން ޕްލާސްޓިކް ކޮތަޅަށް ނަގާ ފީ މީރާ އަށް ދައްކަން ޖެހޭނީ ޖީއެސްޓީ ހުށަހަޅާއިރު އެއާ އެކީގަ އެވެ.
މި ފީ ނަގުމުން އިސްތިސްނާވާ ވިޔަފާރިތަކެއް ވެސް ހިމެނެ އެވެ. އެއީ:
– ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު
– ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް ބަންދުކުރާ ކޮތަޅު
– ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ދޫކުރާ ނުވަތަ ވިއްކާ ޑަސްބިން ކޮތަޅު
2030ގެ ނިޔަލަށް ޒީރޯ ޕްލާސްޓިކް ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެެކެވެ. އަދި 2023 ވަނަ އަހަރުގެ ކުރީން، “ސިންގަލް-ޔޫސް ޕްލާސްޓިކް” ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ޙައްލެއް ހޯދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.