
އޭދަފުށީގައި މި ދުވަސްވަރު ކޮވިޑާއި އަރިދަފުސް ރޯގާ ފެތުރެމުންދާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އޭދަފުށީ ކައުންސިލުން އިލްތިމާސް ކޮށްފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވާން ފަށާފައިވަނީ މިމަހުގެ ކުރީކޮޅުން ފެށިގެންނެވެ.
ކޮވިޑާ އެކު ރޯގާތައް އިތުރުވަމުންދާތީ ބ. އަތޮޅު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދާއިރު މާސްކު އެޅުން ވެސް މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ.
އޭދަފުށީ ކައުންސިލުން އިއްޔެ އާއްމުކުރި އެންގުމާއެކު ވަނީ އަރިދަފުސް ރޯގާ އާއި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކުގެ އިރުޝާދު ދީފަ އެވެ.
ކޮވިޑާއި އަރިދަފުސް ރޯގާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން
- އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކު އެޅުން
- އާއްމު ތަންތާނގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
- ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ގެއިން ބޭރަށް ނުދިއުން
- ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
ސްކޫލުތަކުގެ މިޑް-ޓާމް ބްރޭކާއި އީދު ޗުއްޓީއާއެކު، ރާއްޖޭގައި ކޮވިޑާ އެކު އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ރައްކާތެރިވެ ތިބުމަށް އެޗްޕީއޭ އިން ވެސް މިދިޔަ ހަފްތާގައި ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް މިހާރު އިތުރުވަމުންދާ ރޭޓަށް ބަލައިފި ނަމަ، ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ކޭސްތައް ވަރަށް ބޮޑަށް މައްޗަށް ދިއުން އެކަށީގެންވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.