
ބ. އޭދަފުށީ ކައުންސިލާއި ކްލަބް އޭދަފުށި ގުޅިގެން ބޭއްވި ނޯތު ވެސްޓް އޭދަފުށީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން އެފްރޯ ސްޕޯޓްސް އިން ހޯދައިފި އެވެ.
އެފްރޯ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރޭ ޒުވާން ޓީމު އޯލް ވޮލްވްސް އަތުން 4-0 އިން ކުރި ހޯދައިގެންނެވެ.
އޭދަފުށީ ފުޓްސަލް ޓާފް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އެފްރޯއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު އަޝްރަފް (ސޮބީ) އާއި އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) އަދި އައްޒާމެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އޯލް ވޮލްސްގެ ޖައުޝަން އާއި އެ ޓީމުގެ މުޙައްމަދު ޝުއާއުގެ އިތުރުން އެފްރޯގެ އައްޒާމާއި، މުހައްމަދު ފާސިރު އާއި ގޯލްކީޕަރު ނާސިހެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޯލް ވޮލްސްގެ އުމުރުން 17 އަހަރުގެ އަޙްމަދު ޖައުޝަން އަބްދުﷲއެވެ.

އެންމެ ގިނަ ލަނޑު ޖެހި ހަތަރު ކުޅުންތެރިއަކަށް ވަނީ ޓްރޮފީ ދީފަ އެވެ . އެއީ ސީސީ ސްޕޯޓްސްގެ މުއާޒު އަލީ އާއި، އެ ޓީމުގެ މުޙައްމަދު އައިހަމާއި، ސީސީ ދަ ރެޑްސްގެ މުޙައްމަދު ރިފްޝާނުގެ އިތުރުން ނަލަ ބްރަދާސްގެ މުޙައްމަދު އަޖުފާނެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެފްރޯގެ ކޯޗު އައްޒާމް އަލިފުޅެވެ.
އޭދަފުއްޓަށް ހުޅުވާލައިގެން ބޭއްވި މި ފޯރިގަދަ މުބާރާތުގައި 12 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. އަދި ދެ ވަނަ ޓީމަށް 10،000 ރުފިޔާ ދެ އެވެ.