ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި

ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިއުލާނު ކުރައްވައިފި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލު ހާމަކުރައްވައި، ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ ބައެއް ސިއްހީ ދާއިރާގެ ބައެއް މަގާމުތަކުގެ މުސާރަ ބޮޑު ކުރެވިގެން ދިޔަ އަދަދުތައް ހާމަކުރައްވާފަ އެވެ.

މިގޮތުން ކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ ސީނިއާ ރެޖިސްޓަޑް ނަރުހަކަށް މިގެނެވޭ ބަދަލާއެކު އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށާއި ސްޕެޝަލިސްޓް ނަރުހަކަށް 41،976 ރުފިޔާ ލިބޭނެކަން ހާމަކުރެއްވި އެވެ.

މީގެ އިތުރުން ސީނިއާ މެޑިކަލް އޮފިސަރުންނަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ، އަދި ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މާދަމާ އިން ފެށިގެން ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަވަން ނިންމާފައިވާކަން ރައީސް ސޯލިހް އިއުލާނު ކުރެއްވި އެވެ.

ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބޭ މުވައްޒަފުންނަށްވެސް މާދަމާއިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަ ކުރާ މީހުންނަށް އިންޓާން އެލެވަންސެއް ދިނުމަށް ނިންމާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. އަދި ސިއްހީ ދާއިރާއިން ދިވެހިން މަދު ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލާޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފު ކުރެއްވުމަށް ނިންމާފައިވާކަން އިއުލާނު ކުރެއްވި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލާއެކު ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9،838 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ

މި ހުރިހާ ބަދަލަކަށް އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެކަމަށް ވިދާޅުވި އެވެ.

ސިއްހީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ އަދަދު އިތުރުވެ އަދި ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.