
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ”ރަންތާޖު ޤުރުއާން” ގެ އެއްވަނަ ނ.ހޮޅުދޫ މުޙައްމަދު ސާއީ މުބާރިކް ހޯދައިފިއެވެ.
ސާޢީއަށް “ރަންތާޖު” ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އޭނާއަށް އިނާމުގެ ގޮތުގައި 300،000 ރުފިޔާ ލިބިފައިވެއެވެ.
އެއްވަނަ ހާސިލް ކުރުމަށްފަހު ވާހަކަދައްކަމުން ސާޢީ ބުނީ، އޭނާއަށް މި ހިސާބަށް އާދެވުނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، މިއަދު ހާސިލްވީ އެތައް ދުވަހެއްގެ އުއްމީދެއް ކަމަށެވެ.
ސާޢީގެ ވާހަކައިގައި އޭނާވަނީ އޭނާގެ މަންމައަށް އަސަރުން ފުރިގެންވާ މެސެޖެއް ރައްދު ކޮށްފައެވެ. އޭނާއަށް މުބާރާތް ކާމިޔާބު ކޮށްދިނުމުގައި މަންމަ ވެދިން އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކޮށްފައިވެއެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި 5 ވަނަ ޙާޞިލްކޮށްފައިވަނީ ބ.އޭދެފުށި, މުޙައްމަދު މުސްތަފާއެވެ. 4 ވަނަ ހއ.ހޯރަފުށި, އަޙްމަދު ސުޖާއު ހޯދިއިރު، 3 ވަނަ ހޯދީ މާލެ ސިޓީ, ޔައީޝް މުޙައްމަދު ނިޔާޒެވެ. އަދި މުބާރާތުގެ 2 ވަނަ ޙާޞިލްކޮށްފައިވަނީ މާލެ ސިޓީ، ފާތިމަތު ތުގާ ޙަލީމްއެވެ.
މި މުބާރާތުގެ އޮޑިޝަން ރާއްޖޭގެ ހަ ސަރަހައްދެއްގައި ބާއްވާފައިވާއިރު، މުބާރާތުގެ އޮޑިޝަންގައި 111 ފަރާތަކުން ބައިވެރިވިއެވެ. މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާއި ރާއްޖެ ޓީވީ ގުޅިގެން ފާއިތުވި ރޯދަމަހު ފެށި މުބާރާތެކެވެ.