ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ “ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ” ގައި ގޮއިދޫން ބައިވެރިވާ ޓީމުގެ ސްކޮޑް އިއުލާން ކޮށްފި އެވެ.
މި މުބާރާތުގައި ގޮއިދޫން އަންހެން އަދި ފިރިހެން ޓީމެއްވެސް ބައިވެރިވެ އެވެ.
ކޮންމެ ޓީމަކަށް ވެސް 14 ކުޅުންތެރިން ގެ ސްކޮޑެއް ނަގާފައިވާއިރު ޓީމުގައި ޒުވާން ގިނަ ކުޅުން ތެރިން ހިމަނާފައިވާކަން ވަނީ ފާހަގަކުރެވެ އެވެ.
އެގޮތުން ފިރިހެން ޓީމުގައި ކުރިން ވެސް ގޮއިދޫ ޓީމަށް އެކި އެކި ފުޓްބޯޅަ މުބާރާތްތަކުގައި ކުޅުނު މަޝްހޫރު ބައެއް ކުޅުންތެރިން ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި އިބްރާހިމް މާޖިދު (މާޖި) އަދި ހުސައިން ޝިފާހް (ޝިފައްޓެ) ހިމެނެއެވެ. މި ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް ހަމަޖައްސާފައިވަނީ ކުރީގެ ފުޓްބޯޅަ ކުޅުން ތެރިއެއް ކަމަށްވާ ހުސެން ސުޖާއު (ގަޑޭ) އެވެ).
ގޮއިދޫ ޓީމުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމުންވެސް ޕްރެކްޓިސްތައް ވަނީ ފަށައިފައެވެ.
ގޮއިދޫގެ އިތުރުން ކިހާދޫ، ދަރަވަންދޫ، މާޅޮސް، ހިތާދޫ އަދި އޭދަފުށިން ކޮންމެ ރަށަކުން އަންހެން އަދި ފިރިހެން ޓީމެއް މި މުބާރާތުގައި ބައިވެރި ވެފައިވާއިރު ކެންދޫ އަދި ދޮންފަނުން އަންހެން ޓީމެއް، ފެހެންދޫ އަދި ކަމަދޫން ވަނީ ފިރިހެން ޓީމެއް ބައިވެރިވެފައެވެ.
ޖުމްލަ 16 ޓީމާއެކު މިމަހުގެ 12 ވަނަ ދުވަހު ފަށާ މި މުބާރާތުގެ މެޗްތަކުގެ ޝެޑިއުލް އަންނަ ހަފްތާތެރޭ އިއުލާން ކުރާނެ ކަމަށް ބ.އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައެވެ.
“ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާރ”ގެ ނަމުގައި ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ދަރަވަންދޫގައި ބާއްވާ މި މުބާރާތް ވެގެންދާނީ އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތަށެވެ.
މި މުބާރާތުގެ ކޮންމެ ޗެމްޕިއަން ޓީމަކަށް 50،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ކޮންމެ ރަނަރަޕް ޓީމަކަށް 25،000 ރުފިޔާގެ ވަނީ ކަނޑައަޅައިފަ އެވެ.