މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ށ. ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް ހަދިޔާކުރާ ޓާފް ދަނޑުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ފުނަދޫ ކައުންސިލްގެ ރައީސް ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވި ގޮތުގައި ކައުންސިލުން އެރަށު ސްކޫލްގެ ގޯތިތެރޭގައި އަޅާ ޓާފް ދަނޑުގެ މަސައްކަތުގެ 85 އިންސައްތަ މިހާރުވަނީ ނިމިފައެވެ. އަދި މިހާރު ކުރަން ހުރީ ދަނޑު ކުރެހުމުގެ މަސައްކަތާއި ވެލި އެޅުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި މި މަހުގެ މެދުތެރޭ ހުރިހާ މަސައްކަތެއް ނިމި ދަނޑު ސްކޫލާ ހަވާލުކުރެވޭނެ އެވެ.
ދަރިވަރު ނޫހަށް އޭނާ މިއަދު ދިން އިންޓަވިއުއެއްގައި ވިދާޅުވީ، 700 އެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލުގައި އަޅާ ޓާފް ދަނޑު ގިނަ ހަރަކާތްތަކަށް ބޭނުން ކުރެވޭނެ ކަމަށާއި އެއީ ދަރިވަރުންނަށް ހިންގާ ގިނަ ހަރަކާތްތައް ހިންގަން ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.
” ވަރަށް ދަތީގައި ގިނަ ހަރަކާތްތަކެއް ރަށު ސްކޫލުން ހިންގަމުން އައީ. އެ ހުރިހާ ކަމެއްގެ ޙައްލު ޓާފް ދަނޑު ނިމުނީމާ ލިބޭނެ” އަހުމަދު އިބްރާހިމް ދަރިވަރު ނޫހަށް ވިދާޅުވި އެވެ.
ފުނަދޫ ކައުންސިލުން އަންނަނީ ކޮންމެ އަހަރަކުވެސް އެ ރަށުގެ ތަޢުލީމަށް ޚާއްޞަކޮށްގެން ބަޖެޓެއް ކަނޑައަޅާ ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ ގިނަ ކަންތައްތައް އެ ބަޖެޓުން ކުރަމުންނެވެ.