
ހދ. ނޮޅިވަރަމްގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ކޮންމެ މީހަކަށް 50،000ރ. ދޭން އެ ރަށު ޓިއުޝަން ސެންޓަރަކުން ނިންމައިފި އެވެ.
ނޮޅިވަރަމްގެ އޭއާރުޔޫ ޓިޔުޝަން ސެންޓަރުން މިހާރު ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.
ޤުރުއާން ހިތުދަސް ބަޔަކު ރަށުގައި އުފެއްދާއި މިކަން ކުރަން ގިނަ ބަޔަކަށް ހިތްވަރު ދިނުމުގެ މަގުސަދުގައި 5-25 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ފެށި މި ޕްރޮގްރާމުގައި އެ ސެންޓަރުން ޤުރުއާން ހިތުދަސްކުރާ ކޮންމެ މީހަކަށް 50،000ރ. ދޭން ވަނީ ނިންމައިފަ އެވެ.
މިއީ އަމިއްލަ ފަރާތަކުން އެހާ ބޮޑު އިނާމެއް ހުށަހަޅައިގެން ރާއްޖޭގައި މިކަން ކުރާ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމަކީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާ އެކީ ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އޭއާރްޔޫ ޓިއުޝަން ސެންޓަރުން ބުންޏެވެ.