
3000 އަށްވުރެ ގިނަ ބައިވެރިންނާއި އެކު އުރީދޫ ފަންރަން ހދ. ކުޅުދުއްފުށީގައި ބާއްވައިފިއެވެ.
އުރީދޫއިން ބުނީ ކުޅުދުއްފުށީގައި ބާއްވާ އެ ދުވުމަކީ މިހާތަނަށް އަތޮޅު ތެރޭގައި ބޭއްވި އެންމެ ބޮޑު ދުވުން ކަމަށެވެ. އެ ދުވުމުގައި ހދ. އަތޮޅުގެ އެކި ރަށްތަކުން އެކި އުމުރުފުރައިގެ މީހުން ބައިވެރިވިކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ ފަން ރަށް ފަށާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއީ ހާލިދު އަލް ހަމާދީ އާއި ރައްޔިތުން މަޖިލީހުގެ ހދ. މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ކުޅުދުއފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރ އަލީ އަހްމަދް އާއި ހަނިމާދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް އާއި ހިރިލަންދޫ ކައުންސިލްގެ ރައިސް މުހައްމަދު ވަހީދު އާއި ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމެންޓް ޓީމާއި ކަލަރަންގެ ދުވުންތެރިން ހިމެނޭހެން ނެގި ކުލަގަދަ ސެލްފީއަކުންނެވެ.
ކުޅުދުއްފުށީގައި ބޭއްވި އުރީދޫ ފަން ރަން – ފޮޓޯ: އުރީދޫ
އުރީދޫގެ މެނޭޖިން ޑިރެކްޓަރ އަލް ހަމާދީ ވިދާޅުވީ ކުޅުދުއްފުށީގައި ފަންރަން ބާއްވާ އަތޮޅުތެރެއަށް ފަންރަންގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށެވެ. އަދި ފަން ރަން އަކީ ހަނދާނުން ނައްތާނުލެވޭ ދުވުމަކަށް ހަދައިދިނުމަށް ކުޅުދުއްފުށީ ކައުންސިލުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވިއެވެ.
ހުރިހާ އުމުރެއްގެ މީހުންނަށްވެސް އާއިލާއާއި ރައްޓެހިންނާއެކު މި ހަރަކާތުގައި ބައިވެރިވެ އުފާވެރި ވަގުތު ތަކެއް ހޭދަކުރެވިގެން ދާތަން ފެނުމަކީ ލިބިނު އުފަލެއް ކަމަށާއި، ކުރިޔައް އޮތް ތަނުގައިވެސް މި ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ހދ. އަތޮޅުގައި ބޭއްވިގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އަލް ހަމާދީ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އާތިފު ވިދާޅުވީ އުރީދޫ ފަންރަން އެ ސިޓީގައި ބޭއްވިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން އަތޮޅުގެ މީހުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ރޫހު އާލާވިކަމަށް އާތިފު ވިދާޅުވިއެވެ.
އަދި އުރީދޫއިން މިފަދަ ކަމެއް އިންތިޒާމު ކޮށް އެ ސިޓީގައި ކުރިޔަށް ގެންދިޔުމުން ޝުކުރު އާދާކުރައްވާ ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް އުންމީދަކީ އެފަދަ ހަރަކާތްތައް އެ ރަށުގައި ބޭއްވިގެން ދިއުން ކަމަށް އާތިފު ވިދާޅުވިއެވެ.
އުރީދޫ ފަން ރަން އަކީ ދުވުމުގެ އިތުރުން މަޖާ ހަރަކާތްތަކެއް ހިމެނޭ ދުވުމެކެވެ. މިއީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއް އާލާކުރުމުގެ ގޮތުން އުރީދޫން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެ ދުވުމުގައި ދުވުންތެރިން ދުވެ ނިންމަ ކޮންމެ ކިލޯމީޓަރަކީ ކުލަތަކާއި އިންޕްލެޓްބަލް އޮސްޓްޓަކަލްސް އާއި ފޯމް ޕާޓީ ފަދަ މަޖާ ހަރަކާތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ބައިވެރިންނަށް ފަހިވެގެން ދިޔަ ދުވުމެކެވެ.