އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އުރީދޫގެ އެމް ފައިސާ ބޭނުންކުރެވޭ ގޮތް ހަދައިފި

އުރީދޫ އާއި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިން އެސްޓީއޯ އާ ޕާޓްނާވެ، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކަށް ޒަމާނީ، ރައްކާތެރި އަދި ފަސޭހަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނި އުރީދޫން ބުނީ އެސްޓީއޯ ޕީޕަލް ޗޮއިސް، މާލެ އިން ވިޔަފާރިކުރާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ކައުންޓަރުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑެއް ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާ ފަރާތްތަކަށް ޒަމާނީ އަދި އީޖާދީ ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާ ގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“މި ޕާޓްނާޝިޕްގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރި، އަދި ހަރުދަނާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދޭ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު ދަތިކަމެއް ނެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އެމް-ފައިސާގެ ފަސޭހަކަން ލިބިގެންދާނެ،” ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ސައީދު ވިދާޅުވީ އެ ކުންފުނިން ހިންގާ “އެސްޓީއޯ ޕީޕަލްސް ޗޮއިސް” އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ފަސޭހަ ހިދުމަތްތަކެއް ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން އުރީދޫއާއެކު އެމް-ފައިސާ ގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވުމަކީ ވެސް އޭގެ އެންމެ ފުރިހަމަ މިސާލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކަސްޓަމަރުންނަށް މި އާ ޕޭމަންޓް ސޮލިއުޝަން ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމް-ފައިސާ ހިދުމަތާއި އެކު ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް އެސްޓީއޯ އިން ލިބިގެންދާނެ،” ސައީދު ވިދާޅުވި އެވެ

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ ކާބޯތަކެތީގެ ބާވަތްތަކާއި ގޭތެރޭގެ ސާމާނާއި އިލެކްޓްރޯނިކްސް ފަދަ ގިނަ ބާވަތްތަކެއް ލިބެން ހުންނަ ރާއްޖޭގެ މަޝްހޫރު ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިނެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯ ގެ ހިދުމަތްތައްލިބޭއިރު، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ހުރިހާ އެއްޗެއް ހޯދެ އެވެ.

އެމް-ފައިސާ މެދުވެރިކޮށް އެސްޓީއޯ ޕީޕަލް ޗޮއިސްއަށް މިހާރު ފައިސާ ދެއްކޭއިރު ކުރިއަށް އޮތް ތަނުގައި މި ޙިދުމަތް އެސްޓީއޯގެ އެހެން ފިހާރަތަކަށް ފުޅާކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ އެމް-ފައިސާ އަކީ ފަސޭހަކަމާއެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ބިލް އަދި ރާސްޓަސްގެ އިތުރުން މީޑިއާނެޓް ފަދަ އެކި ހިދުމަތްތަކަށް ބިލް ދެއްކުން ވެސް ފަސޭހަކޮށްދެ އެވެ.

މީގެ އިތުރުން އެމް-ފައިސާ އިން ވަނީ ގިނަ ފައުންޑޭޝަންތަކާ ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާ ފައުންޑޭޝަނަކަށް ސަދަގާތް ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ.

އެމް-ފައިސާއިން ހިދުމަތް ބޭނުންކުރުމަށް، އުރީދޫ އެޕް ޑައުންލޯޑްކޮށް، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ރަޖިސްޓާ ކޮށްލެވޭނެ އެވެ. މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު އެމް-ފައިސާ އިން ވަނީ މި ބޭންކްތަކާ ގުޅިގެން ފަހިކޮށްދީފަ އެވެ.

އުރީދޫގެ ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެމް-ފައިސާއަކީ އޭގެ އެންމެ ބޮޑު އެއް މިސާލެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އެމް ފައިސާ ގެ ލުއި ފަސޭހަކަމާއި ހާއްސަ ޑިސްކައުންޓް އަދި ޕްރޮމޯޝަންތައް ވެސް ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.