
އޭދަފުށިން ގޯތި ދޫކުރުމަށް މިހާރު ހަދާފައިވާ އޮތް އުސޫލު ބާތިލުކޮށް، އަލުން ގޯތި ދޫކުރަން ހުޅުވާލަން ކައުންސިލުން ނިންމައިފި އެވެ.
ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި އޭދަފުށީގެ ހިއްކިބިމުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން 2000 ވަނަ އަހަރު އޭދަފުށީ ކައުންސިލުން އިއުލާން ކުރުމާއެކު 662 މީހުން ކުރިމަތިލި އެވެ.
ނަމަވެސް ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށް ޝަކުވާއަށް ހުށަހެޅުމުން އުސޫލާ ޚިލާފަށް ޕޮއިންޓް ދީފައިވާކަމަށްބުނެ ދެ ފަރާތަކުން ވަނީ ކޯޓަށް ދެ މައްސަލައެއް ހުށަޅާފަ އެވެ.
އެގޮތުން ފުރަތަމަ މައްސަލަ ނިމިފައިވަނީ އޭދަފުށިން ގޯއްޗަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ފޯމުތައް ވަޒަން ކުރުމުގައި އެކުލަވާލި ވިލަރެސް ކޮމެޓީން، ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 13ވަނަ މާއްދާއާ ޚިލާފަށް އަމަލުކޮށްފައިވާކަން ދަޢުވާލިބޭ ފަރާތުގެ ބަހުން ސާބިތުވާކަމަށެވެ. އަދި ފޯމުގައިވާ ބައިތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ ބައިން ޕޮއިންޓް ދީފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށްވާތީ ދައުވާ ލިބޭފަރާތުން ރަށުގައި ދިރިއުޅޭކަމުގެ ބައިން ޕޮއިންޓް ދިނުމަށް އަމަލުކޮށްފައިވާ އުސޫލަކީ ބާޠިލް އުސޫލެއްކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ދެވަނަ މައްސަލަ މިދިޔަ މިދިޔަ މަހުގެ 30 ވަނަ ދުވަހު ނިންމާފައިވަނީ އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލި ސާއިލާ އަބްދުއްރަހްމާންގެ ފިރިމީހާގެ ނަމުގައި ސަރުކާރުން ދޫކުރާ ފްލެޓެއް ރަޖިސްޓްރީ ކުރެވިފައިވާކަމަށްބުނެ، ޕްއިންޓް އުނިކޮށްފައިވަނީ ގާނުނާ ޚިލާފަށް ކަމަށެވެ.
އަދި މި މައްސަލަ ނިންމިތާ 10 ދުވަސްތެރޭގައި އެބައިން އުނިކޮށްފައިވާ 30 ޕޮއިންޓް އަނބުރާ ދިނުމަށް އޭދަފުށީ ކައުންސިލުގެ މައްޗައް މިރަށު ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭދަފުށީ ކައުންސިލުން ބުނިގޮތުގައި އަލުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިހާރު އޮތް އުސޫލާއެއްގޮތަށް ކުރިއަށްދާނަމަ ގޯތިދިނުމުގެ ކަންކަން ލަސްވާނެތީ ވިލަރެސް ކުރާ ކޮމިޓީ މަޝްވަރާގެ މަތިންނެވެ.
ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު އެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ދެއަހަރެއްގެ މަތިން ބަޖެޓްވެސް ކުރިއެވެ. އެހެން ނަމަވެސް އޭގެ ފަހުން އިތުރު މަރުހަލާ އަކަށް އެ މަސައްކަތް ވެސް ގޮސްފައެއް ނުވެ އެވެ.