
ތުނބުޅި ބޭލުން ނިމުމަކަށް ނުގެނައުމުން ބ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތާރާ ކިހަވައް ރިސޯޓް މުވައްޒަފުން ތުނބުޅި ބޭލުން ހުއްޓާލައިފި އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން (ޓީމް) އިން ބުނީ އެ ޔޫނިއަންގެ އަނަންތާރަ ކިހަވައް ބުރާންޗުގެ މެމްބަރުން ތަކުރާކުކޮށް މެނޭޖްމަންޓާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތަކުންވެސް، ކޮންމެ ދުވަހަކު ތުނބުޅި ބޭލުން މަޖުބޫރު ކޮށްފައޮތް އޮތުން ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ.
އެހެންކަމުން، އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މިއަދުން ފެށިގެން އެ ރިސޯޓުގައި ތުނބުޅި ބޭލުން ހުއްޓާލަން ނިންމާފައިވާކަމަށް ޓީމްއިން ބުންޏެވެ. އަދި ޔޫނިއަންއާއި މެނޭޖްމަންޓާއި އެއްބަސްވެވޭ އުސޫލެއް ކަނޑައެޅެންދެން ތުނބުޅި ނުބާލާ މަސައްކަތް ކުރުމުގައި ދެމިތިބުމަށް ނިންމާފައިވާކަމަށް ވެސް ޓީމްއިން ބުންޏެވެ.
މިމަހުގެ އެއްވަނަ ދުވަހު ފާހަގަ ކުރި އިންޓަނޭޝަނަލް ލޭބާ ދުވަހާ ގުޅިގެން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓާއި ޑުސުއިޓް ތާނި ރިސޯޓުގެ މުވައްޒަފުންނަށް ވަނީ ދީފައެވެ.
ޓީމުން ބުނި ގޮތުގައި މިހާރު ވެސް ރާއްޖޭގެ 60 ރިސޯޓެއްގައި ތުނބުޅި ބެހެއްޓުމުގެ ހުއްދަ ވަނީ ދީފައެވެ.