
ހެލްތު މިނިސްތްރީން ހޮސްޕިޓަލްތަކަށް ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސާޖިކަލް އިންސްޓްރޫމަންޓް ހަދިޔާ ކޮށްފި އެވެ.
އެ މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި 15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ސާޖިކަލް އިންސްޓްރޫމަންޓްތައް ހަދިޔާކޮށްދެއްވީ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން މި ތަކެތި ހަދިޔާކުރި 15 ތަނަކީ، ހއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، ކ. ތުލުސްދޫ ހޮސްޕިޓަލް، އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ވ. އަތޮޅު ހޮސްޕިޓަލް، މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، ފ. އަތޮޅު ހޮސްޕިޓަލާއި، ދ. އަތޮޅު ހޮސްޕިޓަލާއި، ތ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ގއ. އަތޮޅު ހޮސްޕިޓަލް އަދި ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަށް މިނިސްޓްރީން ވަނީ ތަކެތި ހަދިޔާކޮށްފައެވެ.
މި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ހަދިޔާކުރި ސާމާނުގެ ތެރޭގައި، ޑްރެސިން ސެޓް، ބޭބީ ސެޓް، ޑެލިވަރީ ސެޓް، ޝޭޗާރ ސެޓް، އިންސިސަން އެންޑް ޑްރެއިނޭޖް ސެޓް، އަދި އާރޓިކަލް ފޯރ ޑްރެސީން ރޫމް ސެޓް ހިމެނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އަތޮޅުތަކުގައި މިހާރު ހުރި ތަކެއްޗަކީ މީގެ 13 ވަރަކަށް އަހަރު ކުރިން އެ އަތޮޅުތަކަށް ފޮނުވާފައިވާ ތަކެތި ކަމަށެވެ. އެހެންކަމުން މިހާރު އެތަކެތި ހުރީ ވަރަށް ބާވެ ހަލާކުވެފައިކަމަށެވެ.
އިއްޔެ ހަވާލުކުރެވުނު ތަކެތީގެ ސަބަބުން ކުރިއަތް އޮތް 5 އަހަރު އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދެވި، މިތަކެތި ބަދަލު ކުރަން ނުޖެހޭކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.