
ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި މިހާރު އޮތް އުޞޫލަށް ބަދަލުގެންނަން ޖެހިފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ފ. އަތޮޅަށް އިއްޔެ ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ދަރަނބޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަން ކައުންސިލްތަކާއި މަޝްވަރާ ކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ކައުންސިލްތަކަށް ބްލޮކް ގްރާންޓް މިހާރު ދޭ ގޮތުން ބައެއް ކައުންސިލްތަކަށް ފައިސާ ދިނުމުގައި ބޮޑެތި ފަރަގުތައް ވަނީ ފާހަގަކުރެވިފައެވެ. ބްލޮކް ގްރާންޓުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މިހާރު ދެނީ ސިޓީ ކައުންސިލްތަކަށެވެ.