
މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ރާޅެއް އަރައި މުދަލާ އެކު އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ރ. މަޑުއްވަރީ “އާލާ” ނަމަކަށް ކިޔާ އެ ބޯޓުގައި ދަތުރުކުރީ 15 މީހުންނާ އެކު ކަމަށެވެ. ނަމަވެސް އޭގައި ދަތުރުކުރި މީހުން ބޯޓު އަޑިއަށް ދިއުމުގެ ކުރިން ވަނީ ސަލާމަތް ކޮށްފަ އެވެ.
މޫސުން ގޯސްވުމާ އެކު ކަނޑު ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 5:22 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭރު އެ ބޯޓު އޮތީ، ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގަ އެވެ.
އާލާ ބޯޓުގައި ތިބި 15 މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސަށް ވަނީ ނަގައިފަ އެވެ. އަދި އެ މީހުން މިހާރު ވަނީ އޭދަފުއްޓަށް ގެންގޮސްފަ އެވެ.