ބ. އަތޮޅު ތައުލީމީ މަރުކަޒުން އެއް ވަނަ މާނޫނު އާއި ނާއިޝް އަށް

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް މުހައްމަދު މަނޫނު ފާއިޒު އާއި މުހައްމަދު ނާއިޝް ހޮވައިފި އެވެ.

ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރިމެހެމާން، އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ  އެވެ.

ސާނަވީ ބައިން އެއްވަނަ ހޯދި މަނޫނު ވަނީ ހަތް މާއްދާއިން އޭ ސްޓާ، އެއް މާއްދާއިން އޭ ފާސް ހޯދައގެން ގައުމީ ގަދަ ދިހަކުން ދެވަނަ ވަނަ ހޯދައިފަ އެވެ. އަދި ކެމިސްޓްރީން ރާއްޖެއިން އެއްވަނަ ހޯދައިފަ އެވެ.

މަތީ ސާނަވީ އިން އެއްވަނަ ހޯދި ނާއިޝް ވަނީ ގައުމީ ގަދަ ދިހަކުން ތިން ވަނަ ހޯދައިފަ އެވެ. އޭނާއަށް ތިން މާއްދާއިން އޭ ސްޓާ އާއި ދެ އޭ ލިބިފައި ވެ އެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން   މިނިސްޓަރު ޝައުނާ ވިދާޅުވީ، ބ. އަތޮޅުގެ ރައްޔިތުންނާއި ބ. އަތޮޅުގެ ދަރިވަރުން ފަދަ ތިމާވެށީގެ ކަންކަމަށް ހޭލުންތެރި މުޖުތަމައެއް އޮތް އަތޮޅަކުން ރާއްޖޭގެ އެހެން އަތޮޅުތަކާއި، މުޅި ދުނިޔެއަށް ވެސް މިސާލު ދެއްކިދާނެ ކަމަށެވެ.

އެގޮތުން  ބ. އަތޮޅުގެ ވެށީގެ ހިތްގައިމުކަމާއި ކަނޑުގެ ދިރުމުގެ މުއްސަނދިކަން އަންނަ އޮތް ޖީލުތަކަށް ގެންދިއުމަށް މިއަދުގެ ކިޔަވާ ކުދިންގެ ހިއްސާ ބޮޑުކުރަން އޭނާ ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިނިސްޓަރި ވިދާޅުވީ ވެށީގެ މުއްސަނދިކަން ދެމެހެއްޓުމަށް އިންގިލާބީ ބަދަލަކާ ހަމައަށް ވާސިލުވެވެން އަންނަނީ ކުދިން ކުރިއަށް ނިކުމެގެން ކަމަށެވެ.

“ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ނެރެވޭނީ ދިވެހިންނަށް ވީހިނދު މިއަދު ތައުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުންގެ ޒިންމާ މިކަންކަމުގައި ވަރަށް ބޮޑު،”  ޝައުނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވިގޮތުގައި އިމްތިހާނުތަކުން ދަރިވަރުން ހޯދާ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަކީ އެ ސްކޫލްގެ ހަޔާތުގައި އެންމެ ގިނަ އޭލެވެލް ދަރިވަރުން ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ނުވަ ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނުނުއިރު އޭލެވެލްގެ ގަދަ ދިހެއްގައި 15 ދަރިވަރުން ހިމެނިފައި ވެ އެވެ.

ރޭގެ ހަފުލާގައި ވަނީ މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުން ފާހަގަކުރެވޭ ކާމިޔާބީތައް ހޯދި 60 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.