
ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭސް 2023 މިއަހަރުގެ އެޑިޝަން މިއަދު އިއުލާނުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ޕާޓްނަރަކަށް ވުމީ އެ މިނިސްޓްރީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ، ރާއްޖޭގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމައުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
“މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަގާފަތް ދައްކުވައިދޭ ހަރަކާތެއްވެސްމެ. މަސްރޭސް އިންތިޒާމުކޮށް، އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން ގެންދާ މަސައްކަތަށް މި ފުރުސަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.” މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚުތައް:
• މާލެ ސިޓީ: 4 އޮގަސްޓް 2023
• ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
• އައްޑޫ ސިޓީ: 18 އޮގަސްޓް 2023
• ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023
އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު، ގިނަވެގެން 30 ޓީމު ވާދަކުރާނެ އެވެ. 30 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެއެވެ.
މި މުބާރަތަައް ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
• އެއްވަނަ ޓީމް: 25،000 ރުފިޔާ
• ދެ ވަނަ ޓީމް: 10،000 ރުފިޔާ
• 3 ވަނަ ޓީމް: 5000 ރުފިޔާ
• އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
• އެންމެ މޮޅު ފިޝަވުމަން: 1000 ރުފިޔާ
އުރީދޫ މަސްރޭސް 2023 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާައި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.