
ގައުމީ އެއާލައިން، މޯލްޑިވިއަންއިން ދަރަވަންދޫ އެއާޕޯޓަށް ދަތުރުތައް ހުއްޓާލައިފައި އޮތުމަށް ފަހު އިއްޔެ އަލުން ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަން އިން ބުނީ އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު ވެސް މާލެއިން ދަރަވަންދުއަށް އަދި އެ ރަށުން މާލެއަށް އެއް ފްލައިޓް ބާއްވާނެ ކަމަށެވެ. މި ދަތުރުތައް ފެށީ ވެސް ހާއްސަ ފެއާއެއްގައި، ކޮޅަކަށް 849ރ. އަށް ކަމަށް އެ އެއާލައިނުން ބުންޏެވެ.
ދަރަވަންދޫއަށް އަލުން ދަތުރުތައް ފެށީ އޭޓީއާރު-42 ގެ މަތިންދާބޯޓުގަ އެވެ. މިއީ 42 މީހުންގެ ޖާގައިގެ ބޯޓެކެވެ.
މިރަށަށް ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ހަވީރު އެއާޕޯޓުގައި ކުޑަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.
އެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ސީއޯއޯ އިބްރާހިމް އިޔާސް ވިދާޅުވީ ދަރަވަންދުއަށް އަލުން ދަތުރުތައް ފެށުމާ އެކު ބ. އަތޮޅުގެ ރައްޔިތުންނާއި މި އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. އަދި ޑިމާންޑް އޮތް މިންވަރަކުން ފްލައިޓްތައް އިތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރަވަންދުއަށް އަލުން ދަތުރުތައް ފެށިއިރުގައި މޯލްޑިވިއަން އިން އޮޕަރޭޓްކުރަމުން އަންނަ މި ރަށުގެ ޑޮމެސްޓިކް އެއާޕޯޓް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަން ގަބޫލުކުރައްވާ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް އެއާޕޯޓް ހެދި ކުންފުންޏާ އެކު މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ދަރަަވަންދުއަށް ކުރިން ކުރި ދަތުރުތައް 2019 ވަނަ އަހަރު މެދުކަނޑާލީ މަންޓާ އެއާގެ ދަތުރުތައް މި ރަށަށް ފެށުމާ އެކު އެވެ.