
ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ތިމާވެއްޓަށް ދީފައިވާ ގެއްލުންތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ މައުލޫމާތު ހޯދުމަށް “މިހާރު” ނޫހުން ހުށަހެޅި އާރުޓީއައި ފޯމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިން ޖަވާބުގައި ބުނީ އެ މީހުން ޖޫރިމަނާކުރީ މިދިޔަ މަހުގެ 20 ގައި ކަމަށެވެ.
“މިހާރު” ނޫހުގައި ބުނެފައިވާ ގޮތުގައި ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި ހަތް މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފައިވާ ވާތީ މުޅި ޖުމްލަ 1،386،000ރ. ޖޫރިމަނާގެ ގޮތުގައި އެ ހަތް މީހުން އީޕީއޭ އަށް ދައްކަން ޖެހޭނެ އެވެ.
އީޕީއޭ އިން ބުނިގޮތުގައި ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި އުޅުނީ މިއަތޮޅު ކެންދޫ މީހުންނެވެ.
އިޕީއޭ އިން ބުނިގޮތުގައި މި ހަތް މީހުންނަށް ޖޫރިމަނާ ދެއްކުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފައެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ.