
އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރަން ގޮވާލާ، އެފްއޭއެމްގެ އޭޑްމިނިސްޓްރޭޝަން ޓީމާ ދެކޮޅަށް އޭދަފުށީގައި ސައިކަލް ބުރެއް ބާއްވަން ނިންމައިފި އެވެ.
އޭދަފުށީ ޒުވާނުން އިސްނަގައިގެން ބާއްވާ މި ސައިކަލް ބުރު އޮންނާނީ ހުކުރު ދުވަހު ހަވީރު 16:45 ގައި އޭދަފުށީގެ ބޮޑެތި މަގުތަކުގަ އެވެ. ސައިކަލު ބުރު ފަށާނީ އޭދަފުށީގައި އަލަށް ހަދަމުންދާ ފުޓްސަލް ދަނޑު ކައިރިންނެވެ.
މި އިވެންޓް އިންތިޒާމުކުރުމުގައި އިސްވެ ހަރަކާތްތެރިވާ ޒުވާނަކު ބުނި ގޮތުގައި މިއީ ފެއިލްވެފައިވާ އެފްއޭއެމް ގެ އެޑްމިނިސްޓްރޭޝަން ޓީމާ ދެކޮޅަށް އޭދަފުށީ ޒުވާނުން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ.
އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރަން ގޮވާލާ، ފުޓްބޯޅައިގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުން އިސްނަގައިގެން “ސޭވް އެފްއޭއެމް” ގެ ނަމުގައި ބޮޑު ހަރަކާތެއްވެސް އަންނަނީ ހިންގަމުންނެވެ.

