ދިގަލި ބާގިރު ނިޔާވެއްޖެ

ދިގަލި ބާގިރު /ފޮޓޯ: ލުކާސް ޖަލީލު

ދިވެހި ދައުލަތަށާއި ބ. އަތޮޅަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އޭދަފުށީ ހަލަވެލި އަބްދުލް ބާގިރު އަހުމަދު (ދިގަލި ބާގިރު) މިއަދު ނިޔާވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރުގެ ބައްޕަ، ބާގިރު އުމުރުން 72 އަހަރުގައި ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ބާގިރު ވަނީ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ވަޒީފާއަށް ނުކުންނެވީ އުމުރުން އެންމެ 17 އަހަރުގަ އެވެ. އޭރުގެ ބ. އަތޮޅު އޮފީހުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އެވެ.

އޭނާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ބ.އަތޮޅު އޮފީހުގެ ރޭޑިއޯ ޓެލެފޯން އޮޕްރޭޓަރުކަމާއި އަތޮޅުވެރިޔާގެ އިސް އެހީތެރިކަމުގެ އިތުރުން އއ.އަތޮޅުގެ އަތޮޅުވެރިކަމުގެ މަގާމު ވެސް އާދާ ކުރެއްވިއެވެ.

ޝަރަފުވެރިކަމާއެކު ވަޒީފާއިން ރިޓަޔާ ކުރައްވަންދެން  އޭނާ ހުންނެވީ އޭރުގެ އެޓޮލްސް މިނިސްޓްރީގެ ރާއްޖެތެރޭގެ ވަކީލެއްގެ މަގާމުގައެވެ.

މީގެ އިތުރުން ބާގިރަކީ ރަށާއި އަތޮޅުގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތް ތަކުގައިވެސް އަމަލީގޮތުން ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމާގައި “އީޓީ” ގެ ޓީމުން ބައިވެރިވެ ތައުޒިޔާކިޔަމެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.