
ސްރީ ލަންކާގައި ކުރިޔަށްގެންދިޔަ ކައިޓްބޯޑިން ފްރީސްޓައިލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ހުނަރުވެރި ކައިޓްސާފަރ ބ. ގޮއިދޫގެ ހަސަން މާހިރު (ހަންޓޭ) ހޯދި އިރު ދެވަނަ އެ ރަށަށް އުފަން އުއްމީދީ ކައިޓްސާފަރ އުމުރުން 17 އަހަރުގެ މުހައްމަދު ރާއިފް ޝާނީޒު ހޯދައިފި އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ބައިނަލްއަޤްވާމީ ފާހަގަކޮށްލެވޭ އެތްލީޓުންނާ ވާދަކޮށްގެންނެވެ. މި މުބާރާތުގައި ރާއްޖެއިން ފަސް ކައިޓްސާފަރުން ވާދަކޮށްފައިވާއިރު، މުބާރާތުގެ އެއްވަނަ ހަންޓޭ ހޯދީ ޕޮއިންޓުގެ ގޮތުން ބޮޑު ތަފާތަކާއެކު ޖުމަލް 13 ޕޮއިންޓް ހޯދައިގެންނެވެ.
މި މުބާރާތުން ތިންވަނަ ހޯދާފައިވަނީ ލަންކާގެ ކައިޓްސާފަރ އެއް ކަމަށްވާ ސަނަކަ ސަދާރު އެވެ.
ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ހަންޓޭ ބުނީ މި ކޭމްޕުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރި ކަމަށެވެ.

މުބާރާތުގެ ކުރިން ރާއްޖޭގެ 10 ކައިޓްސާފަރުން ވަނީ ލަންކާގައި ކުރިޔަށްދިޔަ ރާޅުގުޑި ކައިޓް ޓްރެއިނިން ކޭމްޕް ފުރިހަމަކޮށްފައެވެ. މި ކޭމްޕުގައި ބައިވެރިވެފައިވަނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ބޮޑީބޯޑަރުންނެވެ. މީގެތެރޭގައި އަންހެން ކައިޓްސާފަރުން ހިމެނެއެވެ.

ބ. ގޮއިދޫ އަށް ނިސްބަތްވާ ހަންޓޭ އަށް ކައިޓް ސާފިންގެ ތެރެއަށް ވަދެވުނީ ތަފާތު ގޮތަކަށެވެ. ކުޑައިރުގައި ކުޑަކުދިން އެންމެ ގިނައިން އުޅެނީ މަގުމަތީގައި ބޯޅަ ހިފައިގެން ކުޅޭށެވެ. ނަމަވެސް ހެންޓޭ މަގު މައްޗަށް ނުކުތީ، ވާރޭ ވެހުމުން މަގުތަކުގައި ފެން ހެދުމުން ފިލާ ބުރިއެއް ހިފައިގެންނެވެ. މަގުތަކުގައި ހެދިފައިވާ ފެންގަނޑުގެ ތެރޭ ކަނދު ދުއްވަން އުޅުނު ހަންޓޭ އަށް ކައިޓް ސާފިން އަށް ހިތް ޖެހުނެވެ.
ގޮއިދުއަކީ ރާއްޖޭގެ ކައިޓް ސާފިންގެ އެންމެ ބޮޑު ނުރަސްމީ އެކެޑަމީ އެވެ. އުމުރުން އަށް އަހަރުގެ ކައިޓް ސާފަރުން ވެސް އެރަށުގައި އެބަތިއްބެވެ.