
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ބ. ދަރަވަންދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ބ.އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޒަމާނީ ފެންވަރަށް ޤާއިމް ކުރެވިފައިވާ ބައިނަލްއަޤުވާމީ އެއަރޕޯޓެއް އޮތުމަކީ މުހިންމު ކަމެއްކަމަށާއި އެގޮތުން އެމްއެންޕީ ސަރުކާރެއް އަތުވެއްޖެނަމަ ދަރަވަންދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
“މި ސަރަހައްދުގައި 17 ރިސޯޓް އޮވެމެ، އަދި އެންމެ މަތީ ފަންތީގެ ރިސޯޓްތައް އޮވެމެ، މިއީ ހަމަ މި ރާއްޖެއަށް، މި ސަރަހައްދަށް، މި ބ. އަތޮޅަށް، މި ދަރަވަންދޫއަށް ހަމަ ހައްގު މިންވަރުހޭ, މިރަށަށް ފައިބައިގެން އައިއިރުގައި މިއީ ވިހި ތިރީހަކަށް އަހަރު ކުރިންވެސް މީހުން ނުކުރާ ގޮތަށް. ގާޑިއަލަކަށް ލައިގެން ލަގެޖް ފެނުމަކީ އަޅުގަނޑުމެންނަށް ކެތް ކުރެވޭނެ ތަނެއް ނޫން.,”
ދުނިޔޭގެ އެންމެ މުއްސަނދިން ރިސޯޓްތަކަށް އައިސް ފައިބައިގެން ދާން ޖެހޭނީ އެ މީހުން އަންނަ ފެންވަރުގައި ކަމަށާއި، މި ރާއްޖެ އެއަށްވުރެ ބޮޑަށް ތަރައްގީވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ދަރަވަންދޫގައި ގިނަ ގެސްޓްހައުސްތަކެއް ހެދިފައި އެބަ ހުރި ކަމަށާއި، އެކަމަކު މި ގެސްޓް ހައުސްތަކުގައި އެއްވެސް ސިޔާސަތެއް ޕްލޭނެއް ނެތް ކަމަށެވެ. ތަރައްގީ ކުރުމުގެ ޕްލޭނެއް ނެތް ކަމަށާއި، އެކަންކަން ކުރެވޭނެ ގޮތެއް ފަހި ކުރެވިފައި ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމު ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުމުގައި އޮތީ، ދަރަވަންދޫގައި މިހާރުއޮތް އޮތް އެއާޕޯޓް ޒަމާނީ ފެންވަރަށް ބަދަލުކޮށް އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމުވެ.
ނާޒިމްގެ ކެންޕޭން މި ދަތުރުގައި ބ އަތޮޅުގެ 5 ރަށަކަށް ވަނީ ވަޑައިގެންފައެވެ.

