
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަހު ބުރުގައި އޭދަފުށި ފުރަތަމަ ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.
ތިމަރަފުށީގައި ކުރިއަށްދާ މި ގްރޫޕްގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ ހދ. ހަނިމާދޫއާ ވާދަކޮށް 4-2 އިންނެވެ. މިއަދު ހަވީރު ކުޅުނު މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އޭދަފުށި ފުޓްބޯޅަ ޓީމުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އެހެންނަމަވެސް ހަނިމާދޫ ޓީމުންވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ފަހަތުން އަރާ 2 ލަނޑުޖަހާ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-2 ގެ ނަތީޖާއަކުން ހަނިމާދޫ ޓީމް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި އޭދަފުށި ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އަޒްމީން އަބްދުއްސައްތާރްއެވެ. އަދި އޭގެ ފަހުންވެސް އަޒްމީން ވަނީ އޭދަފުށި ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 2-3 އަކަށް ބަދަލުކޮށްލާފައެވެ. އޭދަފުށި ޓީމްގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އިޝާން އިބްރާހިމް (ސައްޓު) އެވެ. މެޗްގެ ދެވަނަ ހާފްގައި އޭދަފުށި ޓީމަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ހިފޭގޮތްނުވެފައެވެ.
މި މުބާރާތުގައި ދެން އޭދަފުށި ޓީމްގެ މެޗެއް އޮންނާނީ އަންނަ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ހަވީރު ލަންދޫ އާދެކޮޅަށެވެ.
