
ބ. ތުޅާދޫ ހިމެނޭ ގޮތަށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ޕްލޭނިން މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ހަތް ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.އެއާޕޯޓް ހިމެނޭ ރަށް، ސަރަހައްދު
- ހދ. މަކުނުދޫ
- ށ. ބިލެތްފަހި
- ބ. ތުޅާދޫ
- ތ.ވިލުފުށި
- ފ. މަގޫދޫ
- ރ.އަތޮޅު ދެކުނުބިތް
- ވ. ފޮއްތެޔޮފަޅު
ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި ޝައުގުވެރިކަށް ފާޅުކޮށް ހުށަހަޅާ ހުށަހެޅުންތަކުގައި، ފައިނޭންސްކުރާ އެއާޕޯޓަކީ ކޮބައިކަން ބަޔާން ކުރަން ވާނެއެވެ.
މިނިސްޓްރީ އިން ބުނީ ޝައުގުވެރިކަށް ފާޅުކުރުމުގައި، ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.
މީގެ އިތުރުން އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނޭ ކަމަށެވެ.
މި މޮޑެލްގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް އީ މެއިލް މެދުވެރިކޮށް ކަމަށްވެސް މިނިސްޓްރީންގެ އިއުލާނުގައިވެއެވެ.
ތުޅާދޫ އެއާޕޯޓު އެޅުމަށް ދާނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައިވާ ހަރަދަކީ 21.9 މިލިއަން ރުފިޔާ އެވެ. އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓު ތަރައްގީ ކުރަން މިދިޔަ ނޮވެމްބަރުގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ތުޅާދޫ ހިމެނެ އެވެ.

