
އުރީދޫ މަސްރޭހުގެ ފުވައްމުލައް ސިޓީގެ ޗެމްޕިއަން ޓީމަކަށް ޓީމް “ރީފް ރައިޑާސް” ހޮވިއްޖެ އެވެ.
އުރީދޫ މަސް ރޭހުގެ ފުވައްމުލައް އެޑިޝަންގައި 11 ޓީމު ވާދަކުރި އިރު، ރީފް ރައިޑާސް ޓީމުން އެއްވަނަ ހޯދީ 1326.45 ޕޮއިންޓު ހޯދައިގެންނެވެ.
އިއްޔެ އެ ސިޓީގައި އޮތް މަސް ރޭހުގެ ރަނަރަޕްކަން ހޯދީ 335 ޕޮއިންޓު ހޯދި ޓީމު “ނަގާއި ހާލި” އެވެ. މި ރޭހުގެ ތިން ވަނަ ހޯދީ 175.8 ޕޮއިންޓާ އެކު “މޭރި ބޮލް” ޓީމެވެ.

މި މުބާރާތުގެ އެންމެ ބަރު މަސް ބޭނީ ރީފް ރައިޑާސް ޓީމުގެ އަބްދުﷲ އިބްރާހީމް އެވެ. އޭނާ ވަނީ 8.05 ކިލޯގެ ރޫބީއެއް ބާނައިފަ އެވެ. އޭނާއަށް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަރ ސީގިއަރ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފަ އެވެ.
އެންމެ ބަރު މަހުގެ އިތުރުން އޭނާ ވަނީ 17 މަސް ބާނައި ފުވައްމުލައް ސިޓީގައި ބޭއްވުނު މަސްރޭހުގެ އެންމެ މޮޅު ކެޔޮޅު ކެޔޮޅުގެ މަގާމުވެސް ހޯދައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވުނީ މޭރި ބޮލް ޓީމުން ސަފާ އަދްނާނު އެވެ.
އުރީދޫ މަސް ރޭހަކީ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ކުރިއަށް ގެންދާ މަސް ރޭހެކެވެ. މި އަހަރުގެ މަސް ރޭހަކީ އުރީދޫން މިހާތަނަށް ބާއްވި އެންމެ ބޮޑު މަސް ރޭހެވެ. އެގޮތުން މި އަހަރުގެ މަސް ރޭސް ހާއްސަކުރީ ރާއްޖޭގެ ހަތަރު ސިޓީއަށެވެ.
އުރީދޫން ބުނި ގޮތުގައި މި މުބާރާތަށް ހޫނު ތަރުހީބެއް ވަނީ ލިބިފަ އެވެ.