
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ވެވަޑައިގެންނަވަމުންދާ ވައުދުތައް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ރިޔާސީ ކެމްޕެއިނަށް ހދ. ނޮޅިވަރަމްގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް 43-45 ބިލިއަން ރުފިޔާގެ ވައުދު ވެވަޑައިގެންނެވި ކަމަށެވެ. އޭގެ ތެރެއިން، ގިނަ ވައުދުތައް ފުއްދާދެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
“މިއަދު މި ހިސާބަށް އައިރުގައި [މި އަހަރު] އަޅުގަނޑުވީ ވައުދުތަކަށް ގާތްގަނޑަކަށް 31 ބިލިއަން ރުފިޔާ އެބަ އަރާ. އެ ވަރަށް އަޅުގަނޑުމެންނަށް ހިސާބު ކުރެވިފައި ހުރީ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް އައިރުގައި 22 ބިލިއަން ރުފިޔާގެ އާމްދަނީއެއް 2018 ވަނަ އަހަރު ލިބުނުއިރު، މިހާރު އެ އަދަދު ވަނީ 34 ބިލިއަން ރުފިޔާ އަރާފަ އެވެ. އަދި 2026 ވަނަ އަހަރުގައި ދައުލަތުގެ އާމްދަނީ 45 ބިލިއަން ރުފިޔާ އަށް އިތުރުކުރެވޭނެ ކަމުގެ ޔަގީން ވެސް ރައީސް ދެއްވި އެވެ.
“ތިބޭފުޅުން ޝައްކު ނުކުރައްވާ. އަޅުގަނޑުމެން މިވާ ވައުދުތައް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްދީ ނިންމާނަން. އެ ކެޕޭސިޓީ އެބަހުރި،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.

