
ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފެޅި މައްސަލައިގައި ޖޫރިމަނާ ކުރި ހަތް މީހުންގެ ޖޫރިމަނާގެ އަގު 33،000ރ. (ތިރީސް ތިންހާސް ރުފިޔާ)އަށް ކުޑަކޮށްފިއެވެ.
ބ. އަތޮޅުގައި އޮންނަ ފަޅު ރަށަކަށް ފަސް މީހަކު ގޮސް އެރަށުގައި ވެލާ ފަޅައިގެން ކައްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ އެރަށަށް ގޮސް އެމީހުން ހައްޔަރު ކޮށްފަ އެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. ކެންދޫއަށް ނިސްބަތްވާ މި މީހުން ވަނީ ބޮޑު، ހަ ވެލާ ފަޅާލައިގެން ކައްކާފަ އެވެ.
ޖޫރިމަނާ ކުރީ މިކަމުގައި އަމަލީގޮތުން ބައިވެރިވި ފަސް މީހަކާއި އިތުރު ދެ މީހުންނާ އެކު ޖުމްލަ ހަތް މީހެކެވެ. މި މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000 ރުފިޔާ އިން ޖޫރިމަނާކޮށް ފައިސާ ދެއްކުމަށް އޭރު ދިނީ 30 ދުވަހެވެ.
އެހެންނަމަވެސް އެ ގަވާއިދު ބުނާގޮތުން ނަމަ ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ ޖޫރިމަނާ ކުރެވޭނީ 30،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުންނެވެ. އެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ އޮފީލުން ލަފާ ހޯދައި އަލުން މުރާޖައާ ކުރުމަށް ފަހު ކުރިން ޖޫރިމަނާ ކުރި އަދަދު ކުޑަކުރަން ނިންމައިފައެވެ.
ނަމަވެސް އީޕީއޭ އިން މިއަދު ބުނީ އެ މީހުންގެ ޖޫރިމަނާ ލުއިކޮށްފައި ވަނީ ބަންޑާރަ ނާއިބުގެ އޮފީހުން ދިން ލަފަޔާ ގުޅިގެން ކަމަށެވެ. ބަންޑާރަ ނާއިބު އެ ލަފާ ދީފައި ވަނީ ގަވާއިދުވާ ގޮތާއި ހިލާފަށް ޖޫރިމަނާ ކޮށްފައިވާތީ އެވެ. އެހެން ކަމުން ޖޫރިމަނާ ލުއިކޮށް ކޮންމެ މީހަކު 33،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ. އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް ވަނީ އަންގާފައެވެ.
ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ކަހަނބުގެ ހުރިހާ ބާވަތެއް ރާއްޖޭގައި ވަނީ ހިމާޔަތްކޮށްފަ އެެވެ.