ލަންދޫ ބަލިކޮށް އޭދަފުށި ސެމީއަށް

މިއަދު ހަވީރު ލަންދޫ އާދެކޮޅަށް އޭދަފުށި ނިކުތް ފުރަތަމަ 11
މިއަދު ހަވީރު ލަންދޫ އާދެކޮޅަށް އޭދަފުށި ނިކުތް ފުރަތަމަ 11

މިހާރު ކުރިޔަށްދާ އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕް ފައިނަލް ރައުންޑް ގްރޫޕް ބީ ގައި މިއަދު އޭދަފުއްޓާއި ލަންދޫ ބައްދަލުކުރި މެޗް ފަހަތުން އަރާ 1-3 ގެ ނަތީޖާއަކުން އޭދަފުށި މެޗް ކާމިޔާބުކޮށްފިއެވެ.

ތިމަަރަފުށި ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ލަންދޫ ޓީމުންނެވެ. މި ލަނޑު މެޗްގެ 17 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ނައިޝާންއެވެ. އެހެން ނަމަވެސް ފުރަތަަމަ ހާފް ނިމުމުގެ ކުރިން އޭދަފުށި ޓީމުން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭދަފުށި ޓީމަށް މެޗްގެ 36 މިނިޓްގައި މި ލަނޑު ކާމިޔާބުކޮށްދިނީ އަޒްމީން އަބްދުއް ސައްތާރއެވެ. އަޒްމީން ވަނީ ކުޅުނު ފުރަތަމަ މެޗްގައި 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗް ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމުވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިތާ 12 މިނިޓް ފަހުން އޭދަފުށި ޓީމްގެ އާދަމް ނިޒާމް (ކިތުނާ) ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ އޭދަފުށީ ކޮޅަށް އަނބުރާލާފައެވެ. އަދި މެޗް ނިމެން 8 މިނިޓް އަށް ވެފައި ވަނިކޮށްވެސް އާދަމް ނިޒާމް (ކިތުނާ) ވަނީ އޭނާގެ 2 ވަނަ ލަނޑު ޖަހާ މެޗްގެ ނަތީޖާ 1-3 އަކަށް ބަދަލުކޮށްލާފައެވެ.

މި ނަތީޖާއާއެކު އޭދަފުއްޓަށް ވަނީ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަަވަރުވެފައެވެ. ގްރޫޕް ސްޓޭޖް ގައި އޭދަފުށި ޓީމް ކުޅެން ޖެހޭ ފަހު މެޗް އޮންނާނީ މިމަހު 4 ވާ ހުކުރު ދުވަހު ހަވީރުއެވެ. މި މެޗްގައި އޭދަފުށި ޓީމް ބައްދަލުކުރާނީ ގްރޫޕް ބީ ގެ މެޗްތަށް ކުރިޔަށްދާ ރަށްކަމަށް ވާ ތިމަރަފުއްޓާދެކޮޅަށެވެ. މި މެޗުން މޮޅުވާ ބަޔަކަށް ގްރޫޕް ބީ ގެ އެއްވަނަ ލިބޭނެއެވެ. އެހެން ކަމުން މި މެޗް ވަރަށް ފޯރި ގަދަވާނެކަމަށް ވަނީ ބެލެވިފައެވެ.

ގްރޫޕް އޭގައި މިއަދު ހަވީރު އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ، ފޭދޫ އާއި އދ.މަހިބަދޫ ބައްދަލުކުރި މެޗު، ފަސޭހަކަމާއެކީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ފޭދޫ ޓީމެވެ. ގްރޫޕް އޭއިން ސެމީގެ ޖާގަތަށް ކަށަވަރުކޮށްފައިވަނީ ކުޑަހުވަދޫއާއި އެންމެ ފަހުގެ ޗެންޕިއަން ފޭދޫ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.