
ބ. ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމަށް މިއަދު އެރަށަށް ޑްރެޖަރު ގެންގޮސްފި އެވެ.
ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ޖުލައި މަހު އެވެ.
ތުޅާދޫ އެއާޕޯޓް ހަދަން 44 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އެއާޕޯޓް ހަދަން ސަރުކާރުން ކުރިން ލަފާކޮށްފައިވަނީ 21.9 މިލިއަން ރުފިޔާ އެވެ. އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ހަދަން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ތުޅާދޫ ހިމެނެ އެވެ.
މި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އަމާޒަކީ ރާއްްޖޭގެ ކޮންމެ ރަށަކުން ވެސް 30 މިނިޓްގެ ތެރޭގައި ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމެވެ.