
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވީހާ ވެސް އަވަހަކަށް ވޯޓުލައި، ހައްގު އަދާކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ޙަބީބް “ސަން”އަށް ވިދާޅުވީ، ރިޔާސީ ވޯޓަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންނަށް ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ.
‘އެހެންވީމަ އަޅުގަނޑުމެންގެ އިލްތިމާސަކީ ވީހާވެސް އަވަހަކަށް އެ ހައްގު އަދާކުރެއްވުން؛” އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ވޯޓުލުމުގައި އެއްވެސް ނުފޫޒަކަށް ބެލުމެއް ނެތި، އަމިއްލަ ވިސްނުމާ ފިކުރަށް ވޯޓުލުމަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ވޯޓުގެ ސިއްރުކަން އިލެކްޝަންސްއިން ކަށަވަރުކޮށްދޭނެ ކަމަށެވެ.
“އެއްވެސް މަޖުބޫރު ކަމެއް އޮވެގެން ނުވާނެ. އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނުން ޔަގީންކަން މިދެނީ، ވޯޓުލާ މަރުކަޒަށް ގޮއްސަ ހަމަ އެމީހަކު ޚިޔާރު ކުރާ، އެމީހަކު އިޚްތިޔާރު ކުރާ [ކެންޑިޑޭޓަކަށް] ހަމަ ފަސްޖެހުމެއް ނެތި ވޯޓުލާށޭ.” އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން މިއަދު 08:00އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށް އެބަދެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282،395އަށް އަރައެވެ. އޭގެ ތެރޭގައި އަލަށް ވޯޓުލާ 27,000އަށް ވުރެ ގިނަ މީހުން ހިމެނެއެވެ.
ވޯޓުފޮށިތައް ބަންދުކުރަން ހަމަޖެހިފައިވަނީ ހަވީރު 04:00ގައެވެ.