
ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފި އެވެ.
މި މަޝްރޫޢުގެ ދަށުން، 304,28 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެ އެވެ. އަދި 170 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 383 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިންގ ބޯއީސް ހަރުކުރުން ހިމެނެ އެވެ.
މީގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1814 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި ކާރބްސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ދާ މި މަޝްރޫއުގެ އަގަކީ 67.64 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން ބުނިގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނާއި ފަތުރުވެރިން އަރާ ފޭބުމަށާއި މުދާ ބޭލުމަށް ލުއިފަސޭތަކެއް ވެގެންދާނެއެވެ. އަދި މަސްވެރިންނަށް އޮޑި ދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ލިބިގެންދާނެއެވެ.