
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ 18 ވަނަ އިންޓަސްކޫލް ބެޑްމިންޓަން މުބާރާތުގެ ނޯތު ސެންޓަރަލް ޒޯން މިއަދު އޭދަފުށީގައި ފަށައިފި އެވެ.
މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، އޭދަފުށީ ޔޫތު ސެންޓަރުގެ ބެޑްމިންޓަން އިންޑޯ ހޯލުގަ އެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު އެވެ.
މި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި މި ސަރަހައްދުގެ 4 ސްކޫލަކުން 230 އަ ށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެ އެވެ. މުބާރާތުގައި ވާދަ ކުރާ ސްކޫލްތަކުގެ ތެރޭގައި ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހު އާއި ނ. ހޮޅުދޫ މޭނާ ސްކޫލާއި އެ އަތޮޅު ކުޑަފަރީ ސްކޫލުގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒު ހިމެނެ އެވެ.
މިއީ އިންޓަސްކޫލް ކުޅިވަރު މުބާރާތެއް އޭދަފުށީގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތް މިއަހަރު އޭދަފުށީގައި ބާއްވާއިރު، އޭދަފުއްޓަކީ މިހާރު ވަރަށް ބޮޑަށް ބެޑްމިންޓަންގެ ފޯރި އެކި ލެވެލްތަކުގައި ގަދަ ރަށެވެ. އެގޮތުން ބެޑްމިންޓަންގެ ވައިޑީޕީ ފަށައި އެ ކުޅިވަރުގައި ކުރިއަށްދާން ބޭނުންވާ ކުދިންނަށް ތަފާތު ފުރުސަތުތައް އަންނަނީ ފަހިކޮށް ދެމުންނެވެ.