
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި ހުރިހާ މުހައްޒަފުންނަށް މިއަހަރުގެ މޭ ފުރަތަމަ ދުވަހުން ފެށިގެން އެ އެލަވަންސް ހަމަޖެހިގެން ދިޔައިރު މީގެ ތެރޭގައި ލޯކަލް ކައުންސިލުތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށެވެ.
މިކަމުގައި ކައުންސިލުތަކުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް، ކައުންސިލުތަކުގެ މުވައްޒަފުންނަށްވެސް އޮކްޓޫބަރު ފުރަތަމަ ދުވަހުން ފެށިގެން މި 35 ޕަސަންޓް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާ ކަމަށް އެ އެ ބަޔާނުގައި ބުންޏެވެ.
ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 ޕަސަންޓް އެލަވަންސް ހަމަޖެހިގެންދިޔައިރު ލޯކަލް ކައުންސިލްގެ މުވައްޒަފުން ހިމެނިފައި ނުވާތީ މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި ހުރި ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމާއެކު ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ނިންމުމާ އެކު ސިވިލް މުވައްޒަފުންގެ މުސާރައިގެ ފަރަގު ނައްތާލެވިއްޖެ އެވެ.